އަންހެނުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު، ގިނަ އަހަރުތަކެއް ވާންދެން ހިދުމަތް ކޮށްދީފައިވާ ނަރުހަކާއި ޑައިވަރެއްގެ އިތުރުން ފުލުހަކަށް މިއަދު ދީފި އެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ދަރުބާރު ގޭގައި ބޭއްވި ހާއްސަ ޖަލްސާގައި މި އެވޯޑް ލިބުނީ ނަރުހެއްގެ ގޮތުގައި 49 އަހަރު ހިދުމަތް ކުރައްވާފައިވާ އައިމިނަތު ވަހީދާ އާއި ފުލުހުންގެ އިންސްޕެކްޓަރެއްގެ މަގާމުގައި ހުންނެވި ފާތިމަތު ނަޝްވާ އާއި ޑައިވަރެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޑައިވަރު، ޒޫނާ ނަސީމަށެވެ.
އެ ތިން ބޭފުޅުންނަށް ވެސް އެވޯޑު ހަވާލު ކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ނަރުސް
ރެހެންދި އެވޯޑް ލިބިވަޑައިގެންނެވި އައިމިނަތު ވަހީދާ ހިދުމަތަށް ނިކުންނެވީ 1969 އަހަރު، ސަރުކާރު ހޮސްޕިޓަލުގެ ނާސް އެއިޑެއްގެ ގޮތުގަ އެވެ. އޭރު މި ދާއިރާގައި މަސައްކަތް ކުރީ ވަރަށް މަދު އަންހެނުންތަކެކެވެ. އެކަމަކު އޭރުން ފެށިގެން، ގައުމަށް ކުރިމަތިވި އެކި ކުއްލި ހާލަތްތަކުގައި އޭނާ ވަނީ ހިދުމަތް ކޮށްދެއްވާފަ އެވެ. ހާއްސަކޮށް، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޒަހަމްވި މީހުންނަށް ފަރުވާދިނުން ހިމެނެ އެވެ. އޭރުން ފެށިގެން އޭނާ އަންނަނީ އައިޖީއެމްއެޗުގައި ނަރުހެއްގެ ގޮތުން އެކި ލެވެލްގައި މަސައްކަތް ކުރައްވަމުންނެވެ.
މިހާރު ވަހީދާއަކީ އައިޖީއެމްއެޗުގެ ބްލަޑް ސާވިސްގެ ޑިރެކްޓަރެވެ.
ނަޝްވާ، ކާމިޔާބު ފުލުހެއް
މީގެ 22 އަހަރު ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވި ފާތިމަތު ނަޝްވާ ވަނީ އެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. މެލޭޝިޔާ އާއި އޮސްޓްރޭލިއާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އިރު، ޚިދުމަތުގެ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި އެވެ. އެގޮތުން ފުލުހުންގެ ގިނަ އެވޯޑްތަކާއި ކުލަތައް ހާސިލް ކުރައްވާފައިވާ އިރު ނަޝްވާ މިހާރު ހުންނެވީ އިންސްޕެކްޓަރެއްގެ މަގާމުގައި ހެޑް އޮފް ރޯޑް ސޭފްޓީ ޔުނިޓްގެ އިސް ވެރިޔާގެ ގޮތުގަ އެވެ.
ނަޝްވާ ވަނީ 900 އަށް ވުރެ ގިނަ ފުލުހުން ތަމްރީނު ކުރައްވާފަ އެވެ. އަދި އަންހެން ފުލުހުން ބާރުވެރިކުރުމަށާއި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އިރު، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށާއި ރައްޔިތުން އިތުބާރުކުރާ ތަނަކަށް ފުލުހުންގެ އިދާރާ ހެދުމަށް ވެސް ގިނަ މަސައްކަތްތަކެއް އޭނާ ކުރައްވާފައިވެ އެވެ.
ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ޑައިވަރު
އަންހެނުން އާއްމުކޮށް މަސައްކަތް ނުކުރާ ދާއިރާ އަކުން އެވޯޑް ލިބިވަޑައިގެންނެވި ޒޫނާއަކީ ނ. ކުޑަފަރީ އަށް އުފަން ޒުވާނެކެވެ. އޭނާ އެންމެ ފުރަމަ ފީނަން ފެއްޓެވީ އުމުރުން 18 އަހަރުގައި، ސަން ޑައިވިން ސްކޫލްގެ ރިސެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ޕަޑީގެ ޑައިވް މާސްޓާ ސެޓްފިކެޓް ހޯއްދަވައިގެން، ރަސްމީކޮށް ފީނަން ފެއްޓެވި އެވެ.
އަންހެނުން އާއްމުކޮށް ނުކުރާ ކަމެއް ކުރައްވާތީ ވޭތުވެ ދިޔަ އަހަރުތަކުގައި ޒޫނާ އަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ކުރިމަތި ލައްވައި، އެ ދާއިރާ އިން އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފަ އެވެ. ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގައި ޑައިވަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ އަހަރު ޒޫނާ ވަނީ "މޫދުބުޅާ"ގެ ނަމުގައި އަމިއްލަ ޑައިވިން ސްކޫލެއް ހުޅުއްވައިފަ އެވެ.
ފީނުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ޒޫނާ ވަނީ 11،000 ވުރެ މީހުން އެ ދާއިރާއިން ތަމްރީނު ކުރައްވާފަ އެވެ.