ވީޓީވީ އާއީ ވީއެފްއެމުން، އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ އެ މީޑިއާ ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

ބްރޯޑްކޮމް އިން ބުނީ މިދިޔަ ޑިސެމްބަރު 8 ގައި ވީޓީވީ އާއި ވީއެފްއެމުން ގެނެސްދިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

އެ އަޑު ނުކަނޑާ ވީޓީވީ އާއި ވީއެފްއެމުން ބްރޯޑްކާސްޓް ކޮށްފައިވާތީ އެއިން ކޮންމެ ޗެނަލްއެއް ވަނީ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

މިއީ ބްރޯޑްކާސްޓިން ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލައެކެވެ.

އެފަދަ ލައިވް އިވެންޓްތައް ފޮނުވުމުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރަން ވީމީޑިއާ އަށް ވަނީ އަންގާފަ އެވެ. އަދި އަވަގުރާނަ ގޮވި ކޮންޓެންޓެއް ގެނެސްދިނުމުން މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެ ބަޔާން މި މަހު 12 ވާ ހޯމަދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 10:00 އާ ދެމެދު ވީޓީވީން އާންމު ކުރަން ވެސް އަންގާފައިވެ އެވެ.

މެމްބަރު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާކުރި އެވެ. އެ ސްޓޭޝަނުން ވަނީ އެ ފައިސާ ދައްކާފަ އެވެ.