ގދ. ގައްދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ހިންގާ 18 މިލިއަން ރުފިޔާގެ މަޝްރޫއު ހެވީފޯސްއާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ތޯރިގް އިބްރާހިމާއި ހެވީފޯސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު ވަނީ ސޮއިކުރައްވައިފަ އެވެ.
މި މަޝްރޫއުގެ ދަށުން ގައްދޫގެ ދެކުނު ފަރާތުގައި 950 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ހަދާނެ އެވެ.
މި އަހަރުގެ ފަހުކޮޅު މި މަޝްރޫއު ނިންމަން ވަނީ ކަނޑައަޅާފަ އެވެ.
އާބާދީގައި 3،000 މީހުން ދިރިއުޅޭ ގައްދޫގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝުޖާއު "މިހާރު" އަށް ވިދާޅުވީ ރަށް ގިރުމަކީ އެ ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މި ތޮށި ލުމުން އެކ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ރަށުގެ ދެކުނު ފަރާތުން ވަރަށް ބޮޑަށް ގިރާލާފައިވާ ކަމަށެވެ. މީހުން ދިރިއުޅޭ ހިސާބަށް ވެސް އޭގެ އަސަރު ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.