އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މަސައްކަތް ކުރައްވާ އާމިނަތު ނާދިރާ ދޫކޮށްލުމަށް އެ ފެކްޝަނުން މިއަދު ގޮވާލައިފި އެވެ.
ޖަލުގައި ތިއްބެވި ނުވަ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ހަރަކާތުން ރޭ ބޭއްވި ނާދިރާގެ އިތުރުން ވެސް ދެ މީހަކު ހައްޔަރުކުރި އެވެ. އެކަމަކު ނާދިރާ ފިޔަވައި އަނެއް ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ނާދިރާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ގެންގޮސްފަ އެވެ.
މައުމޫން ފެކްޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކަށް ރޭ މީހުން އެއްވީ މާރާމާރީ ހިންގައި، އަމަން އަމާންކަން ގެއްލުވާލާކަށް ނޫން ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ލިބިދޭ ހައްގުގެ މަތިން، ސުލްހަވެރިކަމާއެކު ބޭއްވި އެއްވުންތަކެއް ކަމަށާއި އެހެންވެ، ނާދިރާ ދޫކޮށްލުމަށް ކަމަށް އެ ބަޔާނުގައި ގޮވާލާފައި ވެ އެވެ.
"ނާދިރާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސް މައުމޫންގެ ފަރާތުން ވަރަށް އިސްކޮށް މަސައްކަތް ކުރާ، ރައްޔިތުންނަށް އިހުލާސްތެރި މީހެކެވެ.. އެހެންވެ، މިހާރުން މިހާރަށް އޭނާ މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލަމެވެ." މައުމޫންގެ ފެކްޝަންގެ ބަޔާނުގައިވެ އެވެ.
އެ ފެކްޝަނުން ބުނިގޮތުގައި ނާދިރާ ހައްޔަރު ކުރީ ވަކި ބަޔަކަށް އަމާޒުކޮށްގެން، ފުލުހުން ހިންގި ހަރަކާތެއްގެ ތެރެއިންނެވެ.