ކޮލަމްބޯ (ނޮވެމްބަރު 30) - ސްރީ ލަންކާ އަށް އެރި ބާރުގަދަ ކޮޅިގަނޑުގައި މިހާތަނަށް ތިން މީހުން މަރުވެ ދެ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
ކޮޅިގަނޑުގެ ގަދަ ވައިގެ ސަބަބުން ގިނަ އަދަދެއްގެ ގަސް ވެއްޓި، އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. ދެކުނާއި މެދުތެރޭގެ ޕްރޮވިންސްތަކުގެ ސްކޫލްތައް މިއަދު ބަންދުކޮށް، ބޯކޮށް ވާރޭ ވެހެމުންދާތީ ބައެއް ފްލައިޓްތައް ވެސް ކޮލަމްބޯ އެއާޕޯޓުގައި ނުޖެއްސިގެން ވަނީ ޑައިވާޓްކޮށްފަ އެވެ. އިންޑިއާ އިން ކޮލަމްބޯ އަށް ދިޔަ ދެ ފްލައިޓެއް ވަނީ ދެކުނުގެ މައްތަލަ އެއާޕޯޓަށް ޑައިވާޓްކޮށްފައި ކަމަށް އޭވިއޭޝަން އޮފިޝަލުން ވަނީ ބުނެފަ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ތަރުޖަމާން ޕްރަދީޕް ކޮޑިއްޕިލީ ވިދާޅުވީ ތިން މީހުން ވެސް މަރުވެފައި ވަނީ ވެއްޓުނު ގަސްގަހުގެ ދަށުވެގެން ކަމަށެވެ. އަދި ވެއްޓިފައިވާ ގަސްގަހުގެ ސަބަބުން ބައެއް މަގުތަކާއި ރޭލް ޓްރެކްތައް ބަންދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގެއްލިފައި ވަނީ ދެކުނުގެ ޕްރޮވިންސަކުން މަހަށް ނުކުތް ދެ މީހުންނެވެ. އެ މީހުން ދަތުރުކުރި ބޯޓު ބަންޑުން ޖަހާލި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
"ބޮޑަށް ގެއްލުން ލިބިފައި ވަނީ މެދުތެރޭ ހިސާބުތަކުގެ ގެތަކަށް. އަދި ބައެއް ހިސާބުތަކުން ވަނީ ކަރަންޓް ކެނޑިފައި،" ކޮޑިއްޕިލީ ވިދާޅުވި އެވެ.
ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ ތަރުޖަމާން ވިދާޅުވީ ކޮޅިގަނޑުގައި ގެއްލުން ލިބިގެން 15 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
ނޭޝަނަލް ވެދާ ސާވިސް އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ގަޑިއަކު 70 ކިލޯ މީޓަރު (42 މޭލު) ގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.