ގައުމުގެ ހަމަޖެހުން ނަގާލުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށާއި އެކަމަށް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ މީހުންނާ ރައީސް ޔާމީންގެ ދެކަނބަލުން ބައްދަލުކުރެއްވުމަށް މިރޭ ރަސްފަންނުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ އިސްކަމެއް ދެވޭ އެއް ކަމަކީ ޑިމޮކްރަސީ ކަމަށާއި އެކަމަކު ގައުމުގެ ހަމަޖެހުމަށް ވުރެ އެހެން އެއްވެސް ކަމެއް އިސް ނުވާނެ ކަމަށް ދަންނަން ޖެހޭނެ ކަމަށެވެ. ޑިމޮކްރަސީގެ ތެރެއިން ލީޑަރުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަކީ ގައުމުގައި ހަމަޖެހުން އޮވެގެން ދައްކަން ޖެހޭ ވާހަކަތައް ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިފައިންނާއި ފުލުހުންނަށް ހަމަލާދޭން އާންމުންނަށް ހިތްވަރު ދީ، އާންމު ތަންތަނަށް ގޮވައެއް ނުލެވޭނެ. މިއީ ޑިމޮކްރަސީއެއް ނޫން. މިއީ ދައުލަތެއްގެ ނުވަތަ ގައުމެއްގެ ރުކުރުވާ ލެވިފައި ހުންނަ ސަފުތައް ހަލާކުކޮށްލަން ކުރެވޭ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

"މިއީ އެނާކިސްޓް ވިސްނުން. މިއީ ތަނެއް ފަނާކުރާ ވިސްނުން. ޑިމޮކްރަސީގެ ހަމަތަކަކީ އުސޫލާއި ގާނޫނުގެ ތެރެއިން ކަންކަން ހާސިލްކުރުން. އެއީ ޑިމޮކްރަސީއަކީ."

މިރޭގެ ހަފުލާގައި ބައެއް މީހުންނާ ރައީސް ސަލާމް ކުރައްވަނީ:--މިހާރު ފޮޓޯ/ނިޝާން އަލީ
މިރޭގެ ހަފުލާގައި ބައެއް މީހުންނާ ރައީސް ސަލާމް ކުރައްވަނީ:--މިހާރު ފޮޓޯ/ނިޝާން އަލީ

ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަކީ އެންމެން ހަމަހަމަވެގެންވާ އުސޫލެއް ކަމަށާއި ރާއްޖެއާ މެދު ހައްގު ނޫން ވާހަކަތައް ބޭރު ގައުމުތަކުގައި ފަތުރަން އެއްވެސް ލީޑަރަކަށް ފުރުސަތެއް ނުދެވޭނެ އެވެ.

"ޑިމޮކްރަސީއަކީ އެކެއްގެ ބަނޑުން ވިހައި މަފްހޫމެއް ނޫން. ޑިމޮކްރަސީއަކީ އެންމެންނަށް އެއް ހަމައެއްގައި، އެއްވަރަކަށް އެކުލެވޭ ނިޒާމެއް. އެ ނިޒާމުގައި އެކަކަށް ވުރެ ވަރުގަދަ އަނެކަކު ނުހުންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތެއް ބިނާކުރުމުގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އަޚްލާގް ރަނގަޅު ޖީލެއް އުފެއްދުން ކަމަށެވެ. އެކަމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެވޭނެ އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ މަސައްކަތުގައި ސަރުކާރާ އެކު އެ މީހުން ބައިވެރިވާން ރައީސް ގޮވާލެއްވި އެވެ.

"ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަން އެބަ ޖެހޭ. ސިޔާސީ ލީޑަރުންނަށް ނަސޭހަތް ދެއްވަން އެބަ ޖެހޭ. އަޅުގަނޑަށް ނަސޭހަތް ދެއްވަން އެބަ ޖެހޭ. އަދި މަގުން ކައްސާލައިގެން ދާ އެކިއެކި ވިސްނުންތަކަށް ތިބޭފުޅުން އެބަ ޖެހޭ ނަސޭހަތްތެރިވާން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުން ބާކީ ނުކުރުމަކީ ސަރުކާރުން އިސްކަން ދޭ ކަަމެކެވެ. އެކަމަށްޓަކައި މިދިޔަ އަހަރުން ފެށިގެން" ތަރިކަ" މަޝްރޫއު ފެށިގެން ކުރިއަށް ގެންދާ ކަން ފާހަގަކުރެއްވި އެވެ.