ދ. ހުޅުދެލި ކައިރި ފަޅަކުން މަރުވެފައި އޮއްވައި މިދިޔަ ބުދަދުވަހު ފެނުނީ ފިރިހެނެއް ކަމަށާއި އެކަމަކު އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގަބުރު ފެނުނު އިރު އޮތީ ބޮއިލަރުޝޫޓެއްގަ އެވެ. ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަށިގަނޑުގެ ސާމްޕަލް ނެގުމަށް ފަހު ވަޅުވާފައިވާ ކަމަށެވެ. އެކަމަކު އެއީ ކާކުކަމާއި ނިސްބަތްވާ ގައުމެއް ވެސް ދެނެނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުވެފައިވާ ބޭރު މީހުންގެ ހަށިގަނޑު ރާއްޖޭގެ އެކި ހިސާބުތަކުން މީގެ ކުރިން ވެސް ފެނިފައިވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން މ. މަޑުއްވަރީގެ އުމުރުން ދުވަސްވީ މީހަކު މޫދަށް އެރި އުޅެނިކޮށް ވަނީ ގެއްލިފަ އެވެ. އެކަމަކު ހުޅުދެލީ ކައިރިން ފެނުނު ގަބުރު ބޮއިލަރު ޝޫޓެއްގައި އޮތުމުން، ގެއްލުނު ދިވެހި މީހާއާ އެއްވެސް ގުޅުމެއް ހުރި ކަމަކަށެއް ނުބެލެވެ އެވެ.