އިދިކޮޅު ފަރާތްތަކަށް ޝަކުވާތަކުގެ ޖަވާބު ދެއްވާނީ ޕީޕީއެމުން ފަށަންް އުޅޭ ކުޅިވަރުގެ އީދުގެ ތެރެއިން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން އިސް ނަގައިގެން ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރު މުބާރާތް، "ވައި18 ފިއެސްޓާ" އިފްތިތާހު ކުރުމަށް މިރޭ އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ މިއީ ސިޔާސީ ގޮތުން އިތުރު ކަންތައްތަކާ ވިސްނަން ޖެހޭ ދުވަސްވަރެއް ނަމަވެސް ގައުމު ހަލަބޮލި ނޫން ކަމަށެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާގޮތުން ގައުމުގައި މިހާރު އޮތީ ދެމިގެންދާ ހަމަޖެހުން އޮތް ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ދުވަސްވަރު އޮތް ސިޔާސީ އެންމެ ބޮޑު ކަމަކީ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާއަށް ދިއުމެވެ. އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކިބައިން ސަރުކާރުން އެދެނީ ޝަރުތުތަކެއް ނެތި ވާހަކަ ދައްކަން ދިޔުމަށް ކަމަށާއި އެކަމަކު އެހެން އެދޭ ކޮންމެ ފަހަރަކު ވެސް، ޝަރުތުތަކެއް ކުރިމަތިކުރާ ކަމަށެވެ. އެކަމަކު މި ފަހަރު އެ ފަރާތްތަކުން ދިން ޖަވާބުން ސަރުކާރުން ހައިރާންވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މަޝްވަރާގެ ދައުވަތަށް އިދިކޮޅު ފަރާތްތަކުން ފުރަގަސް ދިނީ، ޝަރުތު ކަނޑައެޅުމުގެ ބަދަލުގައި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ބުނެ އެވެ.

އިދިކޮޅު ފަރާތެއް އޮތިއްޔާ ސިޔާސީ ހަރަކާތްތަކެއް އޮންނަން ވާނެ ކަމަށާއި އެކަންކުރަން ޖެހޭނީ ގާނޫނުގެ ހުދޫދުގެ ތެރޭން، ގާނޫނުތަކުން ދައްކައިދޭ މަގުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
މިރޭގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

"އޭގެ އިތުރަށް، ހުރިހާ ޕާޓީތަކުން ލިޔުއްވާފައިވާ ސިޓީތަކުގައި ހުންނަނީ ދައުލަތުން ކޮންމެ އަހަރަކު ވެސް މިހާބޮޑު ބަޖެޓެއް ފާސްކުރާއިރު، މި ފައިސާއިން ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރާތަނެއް ނުފެނެއޭ. މިއީ އަޅުގަނޑުމެންނާ ހަމައަށް އަންނަ ޗެލެންޖެއްގެ ގޮތުގައި މި ފަހަރު އައިސްފައި މި އޮތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް އެ ޝަކުވާތަކުގެ ޖަވާބު ދެއްވާނީ ފަށަންް އުޅޭ ކުޅިވަރުގެ އީދުގެ ތެރެއިންނެވެ. ދައުލަތުން އެތައް މިލިޔަން ރުފިޔާ ފާސްކޮށްގެން ގާއިމުކޮށްދީފައިވާ ކުޅިވަރުގެ ވަސީލަތްތައް، އެ ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ އެންމެންނަށް ވެސް މި ފަހަރު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން އިދިކޮޅު މީހުންގެެ ގޮތުގައި ތިއްބެވި އިރު، ދައުލަތުން އަހަރަކު ފާސްކުރާ 16 ނުވަތަ 17 ބިލިއަން ރުފިޔާގެ ބަޖެޓުން ރާއްޖޭގެ ބައެއް ހިސާބުތަކަށް އައިސްފައިވާ ތަރައްގީ މާބޮޑަށް ނުފެންނަކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އެއީ އޭރު ސަރުކާރު ހިންގަން ތިއްބެވި މީހުން ޖަވާބުދާރީ ކުރެއްވުމަށް ދެއްކެވި ވާހަކަ ކަމަށާއި މިހާރު އަނެއްކާ ވެސް އެ ވާހަކަތައް އަޑުއިވި ވަޑައިގެންފި ކަމަށް ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިރޭގެ ހަފުލާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އަޅުގަނޑުމެންނަށް ފަސޭހައެއް ނޫން ފޮތެއް ބޮޑުކޮށްގެން ގެންދާހެން މެނިފެސްޓޯ ބޮޑުކޮށްގެން ގެންދާކަށް. އެކަމަކު އަޅުގަނޑުމެން އަމަލީގޮތުން ދައްކަން ބޭނުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވޮލީކޯޓުތައް އެޅިފައިވާ މިންވަރު. އަދި މި ވޮލީއަށް އަންހެން ބޭފުޅުންގެ ޝައުގުވެރިކަން އޮތް މިންވަރު. އަދި އެކި ރަށްރަށުގައި 70އަށް ވުރެ ގިނަ ފުޓްސަލް ދަނޑު އަޅާފައިވާއިރު، އޭގެ ބޭނުން ޒުވާނުން ހިފާތަން،" ދައުލަތުގެ ގިނަ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެން އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން މިހާތަނަށް ދައްކައިދީފައި ހުރީ "ސްޓީރިއޯޓައިޕް" ވަކި ކަންތައްތަކެއް ކަމަށާއި އެއީ މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އުޅުމާއި އަޑުއުފުލުމާއި ހައްގުތަކަށް ވަކާލާތު ކުރުމާާއި ގާނޫނު އަސާސީ ބޮޑުކޮށްގެން ތަންތަނަށް ގެންދިޔުން ކަމަށެވެ.

އެކަމަކު ސިޔާސީ ޕާޓީއަކީ މި ކަހަލަ ކަންތައްތަކަށް ވުރެ، އާއްމު ދިރިއުޅުމާ ކިހާ ގުޅޭ ކަމެއްތޯ ދެއްކުމަކީ ޕާޓީތައް ހިންގަން ތިބޭ ބަޔަކު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރުގެ ބޮޑު ހަރަކާތަކީ މިހާތަނަށް ސިޔާސީ ޕާޓީތަކުން ދައްކައިދިން "ސްޓީރިއޯޓައިޕް" ބަދަލުކޮށްލާނެ ކަމެކެވެ. އެ މަނިކުފާނު ވިދާޅުވީ މި ހަރަކާތުން ޒުވާން އަންހެނުންނާއި ފިރިހެނުންގެ ހުނަރުވެރިކަން ފެންނާނެ ކަމަށެވެ.

ބޮޑެތި އިނާމުތަކެއް ކަނޑައަޅާފައިވާ މި ހަރަކާތުގައި އަންހެނުންގެ ވޮލީ މުބާރާތަކާއި ފިރިހެނުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަތޮޮޅު މުބާރާތާއި ޒޯން މުބާރާތުގެ އިތުރުން ޗެމްޕިއަުންގެ މުބާރާތުގެ ގޮތުގައި ތިން ބުރަކަށް ބަހާލައިގެންނެވެ.