ރާއްޖެ އަށް 100 ޑޮކްޓަރުން ފޮނުވަން ޕާކިސްތާނުން ނިންމައިފި އެވެ.

ޕާކިސްތާން އޮބްޒާވާ ނޫހުން މިއަދު ބުނި ގޮތުގައި ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ މި ޑޮކްޓަރުން ރާއްޖެ އަށް ފޮނުވާނީ އަހަރަކަށެވެ. އެ މީހުންނަށް 2،000 ޑޮލަރު (30،840 ރުފިޔާ)ގެ މުސާރައެއް ދިނުމުގެ އިތުރުން ތިބުމާއި ކެއުން ފަދަ ކަންކަން ވެސް ޕާކިސްތާން ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އެ ނޫހުން ބުންޏެވެ.

"މިނިސްޓްރީ އޮފް ނެޝެނަލް ހެލްތު ސާވިސަސް ރެގިއުލޭޝަން އެންޑް ކޯޑިނޭޝަނުން ވަނީ ޕްރޮވިންސްތަކުގެ ސިއްހީ ހިދުމަތްތަކާ ބެހޭ ސެކްރެޓަރީ އަށް މިކަން ސިޓީއަކުން އަންގާފަ އެވެ،" ނޫހުގައިވެ އެވެ.

ރާއްޖެ އަށް ފޮނުވާނީ، އޮބްޒާވާ ނޫހުން ބުނި ގޮތުގައި، އެމްބީބީއެސް އަދި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނެވެ.

މިއީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރުގެ މޭ މަހު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ޔާމީން މިދިޔަ އަހަރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން މިދިޔަ އަހަރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ވާދަވެރި އިންޑިއާ އިން ވެސް ރާއްޖެ އަށް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެކި މަސައްކަތްތައް ކުރާ މުވައްޒަފުން ފޮނުވަ އެވެ. އިންޑިއާ އިން އަޅައިދިން އައިޖީއެމްއެޗާއި ސެނަހިޔާ އަސްކަރީ ހޮސްޕިޓަލުގައި ތިބޭ ޑޮކްޓަރުންގެ ތެރޭގައި މި ގޮތަށް ފޮނުވާފައިވާ މީހުން ހިމެނެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި އެހެން ބައެއް ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވާނީ އެ މަނިކުފާނެވެ.