ވަޒީފާއަށް ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ހިންގާ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ހިލޭ ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި ބައިވެރިވާން ފޯމު ހުށަހަޅަންޖެހޭނީ ޓިވެޓް އޮތޯރިޓީ އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ކޯހުގައި މިހާތަނަށް ތިން ބެޗުގައި ޖުމްލަ 392 ދަރިވަރުން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން ކިޔަވައި އަދި މިހާރު ވެސް ކިޔަވަމުން އެބަ ގެންދެ އެވެ. އެއީ ސެޓްފިކެޓް ލެވެލް ތިނެއްގައި 156 ދަރިވަރުންނާއި ލެވެލް ހަތަރެއްގެ ކޯހުން 236 ދަރިވަރުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ލެވެލް ތިނެއް ފުރިހަމަކުރުމަށްފަހު ލެވެލް ހަތަރެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޕްރޮގްރާމުގެ އަމަލީ ބައި ފުރިހަމަކުރަން އަދި މަސައްކަތުގައި ބޭނުންކުރަން، ފަހުން ފައިސާ ދައްކާގޮތަށް "ނިކޮން 3400"ގެ ކެމެރާއެއް ލިބޭނެ އެވެ. އެ ފައިސާ ދައްކަން ޖެހޭނީ ކޯސް ނިންމުމަށްފަހު އެއް އަހަރުގެ މުއްދަތަކަށް 8000 ރުފިޔާ ބަހާލައިގެންނެވެ. އެއީ މަަހަކު 667 ރުފިޔާ އެވެ.
ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ޓިވެޓް އޮތޯރިޓީން ހިންގި ޕްރޮގްރާމްތަކުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 8500 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ފާމަސީ އެސިސްޓެންޓުންނާއި ނަރުހުން ތަމްރީނުކުރުމާއި ފުޑް އެންޑް ބެވަރޭޖް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ޕްރޮގްރާމްތައް ހިމެނެ އެވެ.
މިއީ އެޑިއުކޭޝަން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމެވެ.