ސިވިލް ކޯޓާއި ކްރިމިނަލް ކޯޓު ރިސެސް އަށް ހިނގައްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރިސެސްގައި އޮތުމަށް ފަހު ސިވިލް ކޯޓުގެ ރިސެސް މިމަހުގެ 10 ވަނަ ދުވަހު ނިމޭނެ އެވެ. ކްރިމިނަލް ކޯޓުގެ ރިސެސް ނިމޭނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުން ބުނީ ރިސެސް މުއްދަތުގައި އާންމުކޮށް ޝަރީއަތްތައް ނުބާއްވާނެ ކަމަށާއި އެކަމަކު އިދާރީ މަސައްކަތްތަކާއި މައްސަލަތައް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެކަމަކު ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ބާއްވާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ ހުރިހާ ޝަރީއަތްތައް މެދުކަނޑާލުމުގެ ބަދަލުގައި އެ މުއްދަތުގައި ހިންގާ ޝަރީއަތްތައް މަދުކޮށްލާނެ ކަމަށެވެ. ނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަސައްކަތްތަކާއި އިދާރީ އެހެން މަސައްކަތްތައް އާންމު އުސޫލުން ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
މާލޭގައި ހުންނަ ދަށު ކޯޓުތަކުން ކޮންމެ އަހަރެއްގެ ޖޫން މަހު އަދި ޑިސެމްބަރު މަހު ރިސެސްއަށް ދާނެ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ރިސެސް އަށް ދަނީ ޑިސެމްބަރު މަހު އެކަންޏެވެ.