ކައުންސިލް އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގެ ޖަގަހައިގައި ފެށި ޖަލްސާތަކަށް މީހުން ނުދާތީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޕީޕީއެމް ވައިބަ ގްރޫޕަށް ފޮނުއްވި އަދި މިހާރު އާއްމުވެފައިވާ މެސެޖުގައި އޭނާ ވިދާޅުވެފައި ވަނީ، ޕީޕީއެމް ކޯލިޝަންގެ ޖަގަހަ ޖަލްސާތަކަކީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން ބާއްވާ ޖަލްސާތަކެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެ ޖަލްސާތަކުގެ "ހާޒިރީން ބުނެދެނީ އެހެން ވާހަކައެއް" ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ވައިބާ ގުރޫޕަކަށް އަލީ އާރިފް ފޮނުއްވި ކަމަށް އާންމުވެފައިވާ މެސެޖް
ޕީޕީއެމްގެ ވައިބާ ގުރޫޕަކަށް އަލީ އާރިފް ފޮނުއްވި ކަމަށް އާންމުވެފައިވާ މެސެޖް

"...މި ތަނުގެ ހާޒިރީން ބުނެދެނީ މުޅިން އެހެން ވާހަކައެއްހެން ހީވާތީ ހަމަ ދަންނަވާލެވުނީ. ކުށެއް ކަމުގައި ވާ ނަމަ ދީލަތި މާފަކަށް އެދެން،" އެ މެސެޖުގައިވެ އެވެ.

ޕީޕީއެމް ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ދެ ޕާޓީގެ އިސް ބައެއް މެމްބަރުންނާއި އާއްމު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ޕީޕީއެމް ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ދެ ޕާޓީގެ އިސް ބައެއް މެމްބަރުންނާއި އާއްމު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި މެސެޖާ ގުޅޭ ގޮތުން އަލީ އާރިފް ވަކިން ކޮމެންޓެއް ނުކުރެއްވި އެވެ. އޭނާ އެދިވަޑައިގަތީ، އެއީ އޭނާ ފޮނުއްވި މެސެޖެއްތޯ، އާއްމުކުރި މީހާ ގާތުން އެހުމަށެވެ. ޖަގަހަ ޖަލްސާގެ ހާޒިރީއާ ގުޅޭ ގޮތުން، ޕީޕީއެމްގެ ވައިބަ ގްރޫޕަށް މެސެޖެއް ފޮނުއްވިންތޯ ސުވާލުކުރުމުން އޭނާ ޖަވާބެއް ނުދެއްވި އެވެ.

ކައުންސިލް އިންތިހާބަށް ފަހު ޕީޕީއެމް ޖަގަހައިގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަންނަނީ ޖަލްސާ ބާއްވަމުންނެވެ. މި ޖަލްސާތަކުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މެމްބަރުން ވެސް ބައިވެރިވެ އެވެ.