އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ޔާމީން ރަޝީދުގެ ހަނދާނުގައި އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ސްރީލަންކާގައި މިއަދު އެއްވުމެއް ބާއްވައި އަޑުއުފުލައިފި އެވެ.
ޔާމީންގެ އާއިލާ އާއި ރަހުމަތްތެރިންނާއި އޭނާއަށް ހެޔޮއެދޭ މީހުން އިސްނަގައިގެން މި އެއްވުން ބާއްވާފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ބޭރުގައި މިއަދު ހަވީރު 3:30އިން ފެށިގެންނެވެ.
އެ އެއްވުން އިންތިޒާމުކުރުމުގައި އުޅޭ މީހުން ބުނާގޮތުގައި އެއީ ޔާމީންގެ މަރުގެ މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނާއި އިންސާފުވެރި އަވަސް ތަހުގީގަކަށް ބާރު އެޅުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިނަލްއަގްވާމީ މިނިވަން ތަހުގީގެއް ހިންގުމަށް ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.
ހައްގުތަކަށް ގޮވާލާ، ސްރީ ލަންކާގެ އެކްޓިވިސްޓުންނާއި ސޯޝަލް މީޑިއާގެ އެކި ފަރާތްތަކާއި ނޫސްވެރިންތަކެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ޔާމީން އަކީ ސަރުކާރުގެ ކޮރަޕްޝަނާއި ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް ރާއްޖޭގައި އެންމެ ގަދައަށް ވާހަކަ ދެއްކި އެކަކެވެ. އެހެންވެ، ޔާމީން މަރައިލުން އެ މީހުން ސިފަކުރީ ދީނީ ހަރުކަށި ވިސްނުމާއި ހައްދު ފަހަނައަޅައި ދިއުމާއި ސަރުކާރަށް ކިޔާ ފާޑުކިޔުންތަކުގެ އަޑު ކަނޑުވައިލުމަށް ރާވައިގެން ހިންގި އަމަލެއްގެ ގޮތުގަ އެވެ.
އަދި އެ މީހުން ވަނީ ޔާމީން މަރައިލި މައްސަލަ ބޭރުގެ ފަރާތްތަކުގެ އެހީގައި މިނިވަން ކަމާއެކު ތަހުގީގު ކުރުމަށް، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާއި ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.
ޔާމީންގެ މަރަށް ދެ ހަފުތާވެފައިވާ އިރު އެ މައްސަލައިގައި ދެ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.
ސ. ފޭދޫ ޗަނބޭލީގޭ ޔާމީން، 29، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.