އެމްޑީޕީގެ ގައުމީ މަޖިލީހުގެ މުޅި މާލެ ސިޓީގެ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި މާރިޔާ އަހުމަދު ދީދީއަށް ލިބިއްޖެ އެވެ. 

ގައުމީ މަޖިލީހުގެ މާލެ ސިޓީގެ 111 މަގާމަކަށް 209 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އޭގެ ތެރެއިން މާލެ ސިޓީ ގައުމީ މަޖިލީހުގެ 16 ގޮނޑިއަށް އެކަނި ވެސް 45 ކެންޑިޑޭޓުން ވާދަކުރި އެވެ. 

އިއްޔެ ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުޅި މާލެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރީގައި އުޅުއްވަނީ އީވާ އެވެ. މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާއިން ފެންނަ ގޮތުން އެއީ 1931 ވޯޓެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާއަށް ލިބިފައިވަނީ 1830 ވޯޓެވެ. މި ދެ ބޭފުޅުންނަކީ އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ތާއިދުއާ އެކު ވާދަކުރެއްވި "ބޮޑު ބަދަލު"ގެ ޓީމުގައި ހިމެނޭ ދެ ބޭފުޅުންނެވެ. 

ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމުރެވެ. އޭނާ އެހާ ގިނަ ވޯޓު ހޯއްދެވިއިރު، އޭނާއަކީ އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަނުގެ ތެރެއިން ފެކްޝަނަކުން ވާދަކުރެއްވި ބޭފުޅެއް ނޫނެވެ. 

މާލޭގެ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި ކާމިޔާބުކޮށްފައިވަނީ "ބޮޑު ބަދަލު" ޓީމުންނެވެ. އެ ޓީމާ ވާދަކުރި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ "ޓީމު އެމްޑީޕީ"އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ހަތަރު ގޮނޑި އެވެ. 

މާލޭ ސިޓީ ދާއިރާއިން ގޮނޑި ކާމިޔާބުކުރެއްވި 16 ބޭފުޅުން:

  • އީވާ އަބްދުﷲ
  • މާރިޔާ އަހުމަދު ދީދީ
  • ހުސައިން އަމްރު މުހައްމަދު ރަޝާދު
  • އިމްތިޔާޒް ފަހުމީ
  • ހަސަން ލަތީފް
  • އަލީ އާޒިމް
  • އައިޝަތު ހަނާން
  • ޒިދްނާ އަލީ މަނިކު
  • މުހައްމަދު ޒިޔާދު (ޒިޔައްޓޭ)
  • އިފްހާމް ހުސައިން
  • އިބްރާހީމް މުއިއްޒު
  • އަހުމަދު ހަލީމް (ދޮންބިލެތް)
  • އަހުމަދު މައިމޫން މުހައްމަދު
  • އިބްރާހިމް ލަބާން ޝަރީފް
  • މުހައްމަދު ރިލްވާން އަލީ
  • މުހައްމަދު ރަޝީދު (ބޯދިގު)