ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމްގެ ރޭގެ އެޕިސޯޑުގައި އަމީން ވިދާޅުވީ އެ މަސައްކަތުގެ ކޮންޓްރެކްޓަރު ބަދަލުކޮށް، އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އާ ކޮންޓްރެކްޓަރާ އެކު ސޮއިކޮށް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު އޮތީ. ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،" އަމީން ވިދާޅުވި އެވެ.
ނަމަވެސް، އެ މަސައްކަތުގެ އާ ކޮންޓްރެކްޓަރަކީ ކޮބައި ކަމެއް އަމީން ހާމައެއް ނުކުރައްވަ އެވެ. އަދި ކުރީގެ ކޮންޓްރެކްޓު ބާތިލުކުރި ސަބަބެއް ވެސް ވިދާޅެއް ނުވެ އެވެ.
ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން، ދުބާއީގެ އެންމެ އުސް އިމާރާތް ކަމަށްވާ ބްރުޖު ހަލީފާ ހެދުމުގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކާ ހަވާލުކުރީ ފެބްރުއަރީ 22، 2024 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ އެވެ.
ގއ. އަތޮޅު ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދެކެވެ.
ރިޔާސީ އިންތިހާބަށް ފަހު، އެމަނިކުފާނު ރަށްރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ ޑިޒައިން ދައްކާލައި، ކޮންޓްރެކްޓަރާ އެކު އެމްއޯޔޫގައި ސޮއިކުރި އެވެ.
އެ އެއާޕޯޓާ އެކު، ގއ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. ސަރުކާރުން އޭރު އާއްމުކުރި ވީޑިއޯ ޕްރެޒެންޓޭޝަންގައިވާ ގޮތުގައި އެއީ، 500-750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.
ސަރުކާރުން ކުރިން ބުނި ގޮތުގައި، އެ އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3،400 މީޓަރު ހުންނާނެ އެވެ. އެ މަޝްރޫއާ އެކު ހެލިޕެޑަކާއި ޔޮޓް މެރީނާއެއް ވެސް ތަރައްގީކުރަން ނިންމި އެވެ. އަދި އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް 5،000 އެނދުގެ 17 ރިސޯޓެއް ތަރައްގީކުރަން ވެސް ރޭވި އެވެ.