ފުވައްމުލަކުގައި ކާރެއްގެ ވެރިމީހާ އަށް އަނިޔާކޮށް، އެ މީހާ އަތުން ކާރު އަތުލައިގެން ދުއްވާފައި ދަނިކޮށް އެކްސިޑެންޓުވި މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ފުވައްމުލަކު މިސްކިތްމަގު، އަންދާޒު، އަހުމަދު އައުނުﷲ އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ އިރުއޮއްސި 6:22 ހާއިރު "ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލުމަށް ފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގަ އާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ" ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކާރުން ޖެއްސި ސައިކަލްގައި އިން އަންހެން މީހާއަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކި ވަރުގެ އަނިޔާތައް ވެފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވެސް އެ މީހުންނަށް ފަރުވާދީފައިވާއިރު އެ ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން އުމުރުން 35 އަހަރުގެ އައުނުﷲ ހައްޔަރުކުރި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި އެ އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށް ފަހު، ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވެ އެވެ.