ހުޅުމާލެ ފޭސް 2، ވިނަރެސް 7 ކައިރީ މިރޭ ހިނގި އެކްސިޑެންޓެއް ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންކަން އެނގިފައިވާ ކަމަށެވެ.
މިރޭ 9:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެނަކާއި ސައިކަލް ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އަނިޔާވި މީހާ އާއި ކުއްޖާ އަކީ ވެސް ދިވެހިންނެވެ.
އެކްސިޑެންޓްވުމާ އެކު ކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.
އެކްސިޑެންޓުވުމާ އެކު ކުއްޖާ ފުރަތަމަ ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކުއްޖާގެ ހާލަތަށް ބަލައި އައިޖީއެމްއެޗަށް މިހާރު ރިފަކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.