ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ ޖުމުލަ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް ރުފިޔާ އަށް މާރުކުރަން ލާޒިމްކުރާ ގޮތަށް، ގާނޫނަށް ގެނައި ބަދަލަކީ ރައްޔިތުންގެ މަސްލަހަތުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ. 

"އެމްއެމްޓީވީ"ގެ ޕްރޮގްރާމެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދެއްވަނީ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ފަހިކޮށްދިނުމަށް ކަމަށާއި އެ މަނިކުފާނުގެ ޒިންމާއަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ. 

ނައިބު ރައީސް ވިދާޅުވި ގޮތުގައި ބޭންކަށް ޑޮލަރު މާރުކުރަން ލާޒިމް ކުރުމުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ވެރިން ވެސް ދެއްކެވި ވާހަކައެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމިޓީތަކުގައި އެކި ފެންވަރުގައި އެ ވާހަކަ ދެކެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ވާހަކަ އާންމު ތަނެއްގައި އެއްވެސް ވެރިއަކަށް ދައްކަވަން ވެސް ނުކުރި، ފަސްޖެހުނީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވި އެވެ. 

"ޑޮލަރު ނުލިބި ގައުމުގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ ނުވުމަށް ނިމުމެއް ގެނައުމަށްޓަކައި ހަރުދަނާ ދުރުވިސްނޭ ސިޔާސަތެއް އެ ނިންމެވީ. އެހެންވީމާ އެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ މަންފާތައް ކިތަންމެހާ ވެސް ބައިވަރު. އެހެންނަމަވެސް، މީގެ ތެރޭގައި އުޅެދާނެ ހިތްހަމަނުޖެހޭ ބަޔަކު، އެއީ އެ ބަޔަކަށް ލިބޭ މަންފާތައް ކޮންމެވެސް ވަރަކަށް އުނިތަކެއް އައިސްދާނެތީ،" ނައިބު ރައީސް ވިދާޅުވި އެވެ. 

ނައިބު ރައީސް ވިދާޅުވީ ވިޔަފާރިތައް ވެސް ކުރިއަރާނީ ގައުމެއް ގައުމެއްގެ ގޮތުގައި ހިނގައިގަނެ، މިނިވަންކަން ދެމެހެއްޓިގެން ކަމަށެވެ. އެހެންވީމާ ރައީސް ކުރިއަށް ވަޑައިގަންނަވަނީ އެ މަގުން ކަމަށާއި އެ މަނިކުފާނަކީ ވަތަނީ ލީޑަރެއް ކަމަށް ހުސެއިން ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ބިނާކުރުމަށްޓަކައި މަސައްކަތް އޮތީ އަލުންބަލުން ފަށަން ޖެހިފަ އެވެ. އިގުތިސާދީ ގޮތުން ވެސް ގައުމު އޮތީ މި ސަރުކާރުން ހަވާލުވިއިރު ބަގުރޫޓްވާ ހިސާބަށް ދުއްވާލާފައި ކަމަށް ވިދާޅުވި އެވެ. 

ގައުމު މި ހާލަތަށް ވައްޓާލުމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ ކަމަށާއި ޑޮލަރުގެ ހާލަތު މިއަދު މި އޮތް ހާލަތަށް ދިޔައީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ. އެކަން އެގޮތަށް ނުކުރުމަށާއި މިއަދު މިއޮތް ހާލަތާ ބައްދަލުކުރަން ޖެހޭނެކަން އޭރު އެމްޑީޕީން ސަރުކާރުން ގަބޫލުނުކުރީ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ނައިބު ރައީސް ވިދާޅުވި ގޮތުގައި މިއަދު އެމްޑީޕީން ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދައްކަމުން ދިޔަސް، އެ ސަރުކާރުން ވެސް އެކަން ތަންފީޒު ކުރުމާ ހަމައަށް ކަންކަން ކުރިއަށް ގެންދިޔަ ކަމަށެވެ. 

ރައީސް މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެހެންނަމަވެސް، އެ ބޭފުޅުން ފަހަތު ފަޔަށް ބުރަވީ. ކީއްވެގެންތޯ އެހެންވާންވީ؟ ރައްޔިތުންނަށްޓަކައި ހިދުމަތް ކުރާނެ ވެރިއަކު ރައްޔިތުން މި އިހުތިޔާރު ކުރަނީ. އެއީ ރައީސްގެ ތަފާތަކީ. ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށްޓަކައި ފަހަތަށްޖެހިވަޑައިނުގަންނަވާނެ، ކުރިއަށް ވަޑައިގަންނަވާނީ،" ނައިބު ރައީސް ވިދާޅުވި އެވެ. 

ގާނޫނަށް މި ބަދަލު ގެންނަން މަޖިލީހުން ފާސްކުރީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.