ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިޓީއަކުން މިއަދު ފަރުވާ ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނޑާއި ގޮހޮރުގެ ބަލިތަކާއި ނާރު އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. 

މިނިސްޓްރީން ބުނީ އަލަށް ފެށި ހިދުމަތްތަކާއެކު ސްޕެޝަލިސްޓް ފަރުވާ ހޯދަން އާއްމުންނަށް އިތުރު ލުއި ފަސޭހަ ވާނެ ކަމަށެވެ.

ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއެކު، އެ ތަނުގައި ހިންގާ ސަރުކާރުގެ ހަމައެކަނި ހޮސްޕިޓަލްގެ ޑިމާންޑު ވެސް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑުވަމުންނެވެ. ނަމަވެސް، މަދު ފަރުވާތަކެއް ލިބޭތީ އާއްމުންގެ ޝަކުވާތައް އަބަދު ވެސް ބޮޑެވެ. 

އެކަންކަމަށް ބަލައި، އެ ހޮސްޕިޓަލުގައި މި ފަހުން ވަނީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަން އަދި ލޮލުގެ ފަރުވާތައް ފުޅާކޮށްފަ އެވެ.

އޭގެ އިތުރުން ހޮސްޕިޓަލްގެ ޖާގަ އިތުރުކުރަން އާ ވޯޑުތަކެއް ހެދުމާއި އިމަޖެންސީ ރޫމް އަދި ޑައިލިސިސް ސެންޓަރު ބޮޑުކުރުން ހިމެނެ އެވެ.