ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ބުނެފި އެވެ.

އަންނަ ސެޕްޓެމްބަރުމަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގެ ޗާޓަކާ އެކު، މެޓުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މެދުރާއްޖެތެރެ އަށް [މާލެ އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް] އާއްމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން މި ތިންމަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމުކޮށް ވެހޭވަރަށް ވުރެ މަދުން ކަމަށް އެ ލަފާކުރުމުގައި ވެ އެވެ. 

"...މީގެ އިތުރުން މުޅި ރާއްޖޭގެ ހޫނުމިން ވެސް އާއްމުކޮށް ހުންނާނީ އާއްމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަަމަށް ލަފާކުރެވެ އެވެ،" މޫސުމާ ބެހޭ އިދާރާގެ ޕޯސްޓްގައި ބުންޏެވެ.

އެލްނީނޯގެ ސަބަބުން ރާއްޖެ އަަށް ކުރާ މައިގަނޑު އެެއް އަސަރަކީ އެ އިދާރާ އިން ބުނި ގޮތުގައި ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާ ވާނެ އެވެ. ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އެލްނީނޯގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވާ ދެވަނަ ކަމަކީ ބައެއް ސަރަހްދުތަކަށް ވާރޭ ވެހުން މަދުވުމެވެ. އެއީ ދަނޑުވެރިކަމަށް ނޭދެވޭ އަަސަރުކުރާނެ ކަމެކެވެ. 

"...މިކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މުހިއްމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިއްމުކަން މިކަމުން ދޭހަކޮށްދެ އެވެ،" މެެޓް އޮފީހުން ބުންޏެވެ.

އެލްނީނޯގެ ސަބަބުން ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު ވަނީ އާއްމުކޮށް ހުންނަ ވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މަތިވެފަ އެވެ. އެލްނީނޯގެ ހާލަތު ބަލާ މިންގަނޑު، ނީނޯ 3.4 އިންޑެކްސް އަށް ބަލާއިރު ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން މި މަހު އެކަނި ވެސް ކުރިއަށް 1.8 ޑިގްރީ ސެލްސިއަސް މަތިވި އެވެ. 

އެލްނީނޯ އުފެދުނީ ޕެސިފިކް ކަނޑުގައި ކަމަށް ވިޔަސް އޭގެ އަސަރު އެހެން ސަރަހައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކަނޑާއި ޖައްވުން މިހާރު ފެންނަނީ އެލްނީނޯގެ އަސަރުތަކެވެ.