ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ތެރެއިން ބާކީ އޮތް އެއް މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރި އެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ މީގެ ކުރިން ދެއްކި އެވެ.
ނަމަވެސް، ހުކުމާ އެއްގޮތަށް ބާކީ ފައިސާ ނުދައްކާތީ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގަ އެވެ.
އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އަދީބާ ދެކޮޅަށް ދައުވާ ކުރުމުން އޭނާގެ ފަރާތުން ކޯޓަށް ފުރަތަމަ ހުށަހެޅުއްވީ އެޑްވާންސްކޮށް އެއް ލައްކަ ރުފިޔާ ދައްކައި، އޭގެ ފަހުން ކޮންމެ މަހަކު 20،000ރ. ދައްކަމުން ގޮސް ފައިސާ ދައްކާ ނިންމާ ގޮތަށެވެ.
ނަމަވެސް ދައުލަތުން ބޭނުންވީ ދެ ލައްކަ ރުފިޔާ [ޖުމުލަ ފައިސާގެ 20 ޕަސެންޓް] ފުރަތަމަ ދެއްކުމަށް ފަހު، ބާކީ ހުރި ފައިސާ މަހުން މަހަށް ދައްކާ ގޮތަށެވެ. އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު، ބޭނުންވާ ގޮތެއް ހުށަހަޅަން އަދީބުގެ ވަކީލުންނަށް އޭރު ފުރުސަތު ދިނެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން އަދީބު، އެއް މިލިއަން ރުފިޔާ ދެއްކެވީ ދެ އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ.
މިދިޔަ ސެޕްޓެމްބަރު 11 ގައި އެއް ލައްކަ ރުފިޔާ އަދި ބާކީ ނުވަ ލައްކަ ރުފިޔާ ވަނީ މި މަހުގެ 13 ވަނަ ދުވަހު ދައްކާ ހަލާސްކޮށްފަ އެވެ. އެހެންވެ، ހުކުމް ތަންފީޒުކުރި ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވެ އެވެ.
ދައުލަތާ އެކު، ހެދި އެއްބަސްވުމެއްގެ ދަށުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ މަނިކުފާނު ވަނީ އެ ވެރިކަން ނިމުނު އިރު ޖަލު ހުކުމުން ބާކީ ބައި އެންމެ ހަތަރު ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކޮށް ދެއްވައިފަ އެވެ. އެ ނިންމުމާ އެކު، އަދީބު ވަނީ އެއްކޮށް މިނިވަންވެފަ އެވެ.