ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އެކުލަވައިލެއްވި "އިނގިރޭސި-ދިވެހި ބަސްފޮތް" އިއްޔެ ހަވީރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެރެދެއްވައިފި އެވެ.

ޔުނިވާސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނެރުނު 1,992 ސަފުހާގެ މި ބަސްފޮތަކީ، ދިވެހިބަހުން އެއް ފޮތެއްގެ ގޮތުގައި މިހާތަނަށް ޝާއިއުކުރި އެންމެ ބޮޑު ފޮތެވެ. އިނގިރޭސި ބަހުގެ 120,000 އަށްވުރެ ގިނަ ލަފުޒުގެ ދިވެހި މާނަ މި ފޮތުގައި ހިމަނާފައިވެ އެވެ.

މި ފޮތް ނެރެދެއްވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ، މިއީ ދިވެހިބަހަށް ޑރ. ހަސަން ދޫކުރެއްވި އަގުބޮޑު ހަޒާނާއެއް ކަމަށެވެ. އަދި ގައުމު ބިނާކުރުމާއި، ހަޟާރަތްތައް ކުރިއަރުވައި، އިލްމު ފެތުރުމުގައި ބަސްފޮތްތަކަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވައި، މިއީ ވެސް ރާއްޖެ އަށް އެފަދަ ބޮޑު ހިދުމަތަކަށް ވާނެކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މަތީ ތައުލީމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. ހަސަނަށް ތައުރީފުކުރައްވަމުން ރައީސް ވިދާޅުވީ އެއީ ހަގީގީ މާނައިގައި އިލްމުވެރިއެއް ކަމަށެވެ.

މި ފޮތުގެ ހާއްސަކަމަކީ، މިއީ ހަމައެކަނި ލަފުޒުތަކުގެ އާއްމު މާނަ ހިމެނޭ ފޮތަކަށް ނުވުމެވެ. ފޮތުގައި ތާނައިން އިނގިރޭސި ލަފުޒުތައް ކިޔާނެ ގޮތާއި، ލަފުޒުގެ މާނައާއި ބޭނުންކުރާ ގޮތުގެ އިތުރުން މަޖާޒީ މާނަތައް ފަދަ ތަފާތު މައުލޫމާތު ހިމެނެ އެވެ. ސީދާ ތަރުޖަމާއަކަށްވުރެ ބޮޑަށް، ދިރާސީ މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި މަސައްކަތުގައި، އެންމެ ފަސޭހައިން މާނަ ދޭހަވާނެ ގޮތް ހެއްދެވުމަށްޓަކައި އިނގިރޭސިބަހުގެ މަޝްހޫރު ބަސްފޮތްތައް ބައްލަވާފައިވެ އެވެ. އޭގެ ތެރޭގައި އޮކްސްފޯޑް، ކޭމްބްރިޖް، ކޮލިންސް، މެކްމިލަން އަދި ވެބްސްޓާ ޑިކްޝަނަރީ ހިމެނެ އެވެ.

މިއީ މީގެ 20 އަހަރު ކުރިން، 2005 ވަނަ އަހަރު "ދަރުމަ" މަޖައްލާގައި "އޭ" އަކުރުން ފެށޭ ލަފުޒުތަކުގެ މާނަ ޝާއިއުކުރައްވަން ފެއްޓެވި މަސައްކަތެކެވެ. އެ މަޖައްލާއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން، މުޅި ޑިކްޝަނަރީ އެއްކޮށް ތައްޔާރުކުރުމުގެ ހިޔާލު އުފެދި، ސީދާ އެގޮތަށް ޑރ. ހަސަން މަސައްކަތް ފެއްޓެވީ މީގެ އަށެއްކަ އަހަރު ކުރިންނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް އަކުރުތަކުގެ ލަފުޒުތައް އޮންލައިންކޮށް ވެސް ޑރ. ހަސަން ވަނީ ނެރުއްވާފަ އެވެ. އޭނާގެ ވިސްނުމަކީ ފޮތުގެ ދެތިން އިސްދާރެއް ނެރުއްވުމަށްފަހު، ވަކި ވެބްސައިޓެއް މެދުވެރިކޮށް އޮންލައިންކޮށް ވެސް ބެލޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.

މި ފޮތް ލިޔުއްވުމުގެ އިތުރުން، ޓައިޕްކުރުމާއި، ލޭއައުޓް ހެދުމާއި، ބޭރުގަނޑު ފަރުމާކުރުމުގެ އިތުރުން ފޮތުގެ އެއްބައި ޕްރޫފް ބެއްލެވީ ވެސް ޑރ. ހަސަން އަމިއްލައަށެވެ. ފޮތުގެ އަނެއްބައި ޕްރޫފް ބެއްލެވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ އެވެ.

ގައުމީ ޔުނިވާސިޓީން ވަކިވެވަޑައިގަތުމަށްފަހު، މިވަގުތު ލިޔުންތެރިކަމަށް ހުސްވެވަޑައިގެން ހުންނެވި ޑރ. ހަސަން ވަނީ ދިވެހިބަހަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ފާރިސްކަރައިގެ ޅެންވެރިޔާ ޝައިޚް މުސްލިހުއްދީން ސައުދީ ޝީރާޒީގެ "ގުލިސްތާން" ދިވެހިބަހަށް ތަރުޖަމާކުރެއްވުމާއި، ދިވެހި އަތުލިޔުމުގެ ތަފާތު ފޮންޓުތައް އުފައްދަވައި ހިލޭ އާންމުންނަށް ފޯރުކޮށްދެއްވުން ހިމެނެ އެވެ.

"ދެތިން ޕީއެޗްޑީ ހެދުމަށްވުރެ އިލްމީ ހައިބަތު ބޮޑު" ކަމަށް ޑރ. ހަސަން ސިފަކުރެއްވި މި ފޮތަކީ، އަމިއްލަ ހައިސިއްޔަތުން އޭނާ ކުރެއްވި ވަރަށް އަގުހުރި މަސައްކަތެކެވެ.

މި ފޮތް ވަރަށް އަވަހަށް ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ.