ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކަށް އެ ހިދުމަތް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

އެ ދާއިރާ އިތުރަށް ތަރައްގީކުރަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ކަނޑުގެ އަޑިން ފެން އުފެއްދުމުގެ އީޖާދީ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ކަނޑުގެ 500 މީޓަރު އަޑީގައި ޕްލާންޓް ގާއިމްކޮށްގެން ފެން އުފެއްދުމުގެ އެ މަޝްރޫއު ކުރިއަށް ގެންދާނީ އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައި ވާއިރު، ފީސިބިލިޓީ ދިރާސާތަކާއި ފަންނީ އަދި ތިމާވެށްޓާ ގުޅޭ އެސެސްމެންޓްތައް ހަދަމުންދާ ކަމަށާއި އަދި ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު، އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް،" ފަހުމީ ވިދާޅުވި އެވެ.

އޭގެ ސަބަބުން ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ހަރަދު ކުޑަވާނެ ކަމަށާއި އަދި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ އެއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

މީގެ އިތުރުން ތިލަމާލެ ބްރިޖާއެކު މާލެ އާއި ވިލިމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ ނެޓްވޯކެއް ކަމަށާއި އަދި ބްރިޖުގެ މަސައްކަތް ނިމެންވާއިރަށް އެ މަޝްރޫއު ފެށުމަށްޓަކައި ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.