ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ކޮމިޝަނާ ޖެނެރަލް އޮޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ކަމަށް މަޖިލީހަށް ފޮނުއްވީ ދެ ބޭފުޅެއްގެ ނަމެވެ. 

އެއީ އަމީޒާގެ އިތުރުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲގެ ނަމެވެ. 

އެ ދެ ބޭފުޅުން އިގްތިސޯދީ ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރުމަށްފަހު މާކްސް ދީފައިވާ ގޮތުން އަމީޒާއަށް 92 ޕަަސެންޓް ލިބިފައިވެ އެވެ. އަދި ހަލީމް ލިބިފައިވަނީ 82 ޕަސެންޓެވެ. އެހެންވެ، ކޮމިޓީން ނިންމާފައިވަނީ އެ ދެ ބޭފުޅުން ވެސް މަގާމަށް އައްޔަން ކުރަން ގާބިލް ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ފުރަތަމަ ވޯޓަށް އެހީ އަމީޒާގެ ނަމަށެވެ. އޭނާގެ ނަމަށް 64 މެންބަރުން ތާއިދު ކުރެއްވުމާއެކު ވަނީ ފާސްވެފަ އެވެ. އަދި އަމީޒާގެ ނަން ފާސްވުމުން ހަލީމްގެ ނަމަށް ވޯޓަކަށް ނާހަ އެވެ. 

އެ ދެ ބޭފުޅުންނަކީ ވެސް މަގާމަށް ގާބިލް ދެ ބޭފުޅުން ކަމަށް މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވި އެވެ. 

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮގް ޓެކްސޭޝަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގަތުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.