ސްކޫލްތައް އޭސީކުރަން ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ މަސައްކަތް ލަސްވަނީ ވަރަށް ގިނަ ގޮންޖެހުންތައް ހުރުމުން ކަމަށާއި ބައެއް ރަށްރަށުގައި އެކަމަށް އެކަށީގެންވާ ވަރުގެ ނެޓްވޯކެއް ވެސް ނެތް ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް 2024 ވަނަ އަހަރުގެ ޖޫން މަހު ފެށި ނަމަވެސް، ފެނަކައާ ހަވާލުކޮށްފައިވާ އެ މަސައްކަތުން މިހާތަނަށް ނިމިފައި ވަނީ 61 ޕަސެންޓު ސްކޫލްގެ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި، އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރުމުން އަފީފް ވިދާޅުވީ ސްކޫލުތައް އޭސީ ކުރުން ވެފައި ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

ސަބަބަކީ ގިނަ ރަށްރަށުގައި ޑިސްޓްރިބިއުޝަން ވިއުގަ އެއްކޮށް ބަދަލުކުރަން ޖެހުމާއި އެކަމަށް ބޭނުންވާ ސާމާނު ރާއްޖެއިން ލިބެން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރަށްރަށުގެ ސްކޫލުތަކުގައި އެއާކޮންޑިޝަން ހަރުކުރަން ބަލާއިރު އެ ސަރަހައްދެއްގެ ހުރިހާ ކްލާސްރޫމަކަށް ބޭނުންވާ އޭސީ ހަރުކުރަން ބޭނުންވާ ވަރުގެ ނެޓްވޯކެއް ނެތް. އަޅުގަނޑުމެންނަށް އެ ނެޓްވޯކް ފުޅާކުރެވޭނެ ގޮތެއް ވެސް ނެތް،" އަފީފް ވިދާޅުވި އެވެ.

"ބައެއް ސަރަހައްދުތަކުގެ ޑިސްޓްރިބިއުޝަން ފޮށި ބަދަލުކުރަން ޖެހޭ، އަނެއްބައި ތަންތަނުގައި ސަބް ސްޓޭޝަންތައް ބަދަލުކުރަން ޖެހޭ، ކޭބަލް އަޅައި އެ ސަރަހައްދުތަކުގެ ނެޓްވޯކް ފުޅާކުރަން ޖެހޭ."

މަސައްކަތް ލަސްވަނީ އެކަމަށް ބޭނުންވާ ކޭބަލް ފަދަ ތަކެތި ރާއްޖެއިން ބޭރުން ގެންނަން ޖެހުމާއި އެ ތަކެތީގެ ކޮލިޓީ ބެލުމަށް ފެނަކައިން ބަޔަކު ބޭރަށް ދާން ޖެހޭތީ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިސްމާއިލް ވިދާޅުވެފައި ވަނީ އަމާޒަކީ އަންނަ ޓާމު ފެށުމުގެ ކުރިން ހުރިހާ ސްކޫކެއް އޭސީކޮށް ނިންމައި ބޭނުންކުރަން ފެށުން ކަމަށެވެ. 

އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު ސޮއިކުރީ މިދިޔަ އަހަރު އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި އެ ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.