އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ރަނގަޅު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށާއި އަންނަ އަހަރަށް ނިމެނޭ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވެއްޖެ އެވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) ގާއިމުކުރުމަށް ދުބާއީގައި ރަޖިސްޓަރީ ކޮށްފައިވާ ޑެފިނިޓް ސޮލިއުޝަންސް ކިޔާ ކުންފުންޏަކާ ވަނީ މި އަހަރުގެ މާޗު 7 ގައި ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެކެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ މިހާރު އައްޑޫގައި ހުރި ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ފެނަކައިން ބުނެފައިވެ އެވެ.
އެ މަޝްރޫއުއާ ގުޅޭ ގޮތުން ސުވާލުކުރުމުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އަފީފް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އެ މަޝްރޫއު އޮތީ ފަށާފައިވާ ކަމަށެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިރުޝާދު ދެއްވާފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ. އެހެންވެ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެކަން ކުރިއަށް ދާގޮތް ސާފުކުރެއްވިކަން ފާހަގަކުރައްވާ ފެނަކައިގެ އެމްޑީ އަފީފް ވިދާޅުވީ އެ މަޝްރޫއު ރަނގަޅު ސްޕީޑެއްގައި ކުރިއަށް އެބަދާ ކަމަށެވެ.
"އަޅުގަނޑު މި މަގާމާ ހަވާލުވެގެން އެ ޕްރޮޖެކްޓްގެ ކަންކަން ކުރިއަށްދާ ގޮތް ބެލިބެލުުމުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ރަނގަޅު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް،" މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު ފެނަކައިގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ ރާއްޖެ އިން ބޭރުގައި އެކަމަށް ބޭނުންވާ ޖަނަރޭޓަރުތައް އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތްތައް ދާގޮތް ބަލާލުމަށް ވަރަށް އަވަހަށް ފެނަކައިގެ ޓީމެއް ވެސް ދާނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވި ގޮތުގައި އެ ބާވަތުގެ ކަންކަމަށް އެކަށީގެންވާ ވަގުތު ނަގާނެ އެވެ. އެކަމަކު އެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ނިމެނޭ ކަމަށާއި އަންނަ އަހަރު މަޝްރޫއު އެއްކޮށް ނިންމައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްރޫއު ފެށި ފަހުން އެ މަޝްރޫއުއަށް ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ. އެކަން ކުރަނީ އައްޑޫގައި ތިބި ސީޕީއެސް ޕްރޮޖެކްޓުގެ ފަންނީ މީހުންނާއި ހެޑް އޮފީހުގެ ފަންނީ ފަރާތްތައް ގުޅިގެން ކަަމަށް ވެސް އަފީފް ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖަނެރޭޓަރު ސެޓެކެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ހަލާކުވެ، މި ފަހުން ވަނީ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފަ އެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި އެ މަޝްރޫއު ނިމުމުން 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ އެވެ.