ވިލިމާލޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި ބަޔަކު ހޯދަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ގަސް ކަނޑާފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތަކަކާ އެކު، އާންމު މީހަކު ރޭ އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން އެއީ ވިލިމާލޭގެ ޕާކެއްގެ ތެރޭގައި ހުރި ގަހެކެވެ.
ނިކަގަސް ކަނޑާލި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން މާލެ ސިޓީ ކައުންސިލުން ބުނީ އެކަން ކުރީ އެ ކައުންސިލުން ނޫން ކަމަށެވެ.
އެ ގަސް ކެނޑި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެކަމަކު، މަގު ބަންދު ކުރުމަށް ކައުންސިލުން ހުއްދަ ދީފައިވާ ކަމުގެ ބޯޑެއް ޖަހާފައި ހުރި ތަން ދައުރުވާ ފޮޓޯ އާއި ވީޑިއޯތަކުން ފެނެ އެވެ. އަދި ފުލުހުން މަގު ބަންދު ކުރުމަށް ބޭނުންކުރާ ޓޭޕު ދަމައި، އެ ސަރަހައްދު ބަންދު ކުރުމަށް ކޯން ވެސް ޖަހާފައި ހުއްޓެވެ. ގަސް ކެނޑުމުގެ މަސައްކަތުގައި އުޅޭ ތަން ފެންނަނީ ވެމްކޯގެ މުވައްޒަފުންނެވެ.