ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ހިއްސާއެއް އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް، ޖޭޕީ މޯގަންއަށް ދޭން އުޅޭ ކަމަށް ދެކެވެނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑީބީއެމްގެ ހިއްސާއެއް ޖޭޕީ މޯގަން ދޭ އުޅޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"ޑިވެލޮޕްމެންޓް ބޭންކްގެ ކަންތަކުގަ އެއީ ވެސް ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައި ތިޔަ ވިދާޅުވި ވާހަކައަކީ ވެސް ހަގީގަތެއް ނޫން. ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް، ވަރަށް ބޮޑަށް ފެތުރިފައި،" ރައީސް ވިދާޅުވި އެވެ.
ޖޭޕީ މޯގަންއަށް ހިއްސާ ދޭން އުޅޭ ވާހަކައިގެ އިތުރުން ރަސްމާލެއިން ޔޫއޭއީގެ ކުންފުންޏަކަށް ޕާލް ރެސިޑެންސް މަޝްރޫއުގެ ދަށުން ބިމެއް ދޭން އުޅޭ ވާހަކަ ވެސް ރައީސް ދޮގުކުރެއްވި އެވެ.
"ރަސްމާލެގެ އެއްވެސް ތަނެއް ޕާލް ރެސިޑެންސް ޕްރޮގްރާމް ހިންގުމަށްޓަކައި އަޅުގަނޑުމެން ނޫޅެން އެއްވެސް ބަޔަކަށް ދޭކަށެއް. އެއީ ހަމަ އެއްގޮތަކަށް ވެސް ހަގީގީ ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކްގެ އަމަލީ މަސައްކަތް އަދި ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ބޭންކަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމްކުރި ވަރަށް މުހިއްމު ނިޒާމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ 2024 ވަނަ އަހަރުގެ މޭ މަހު އެވެ.