މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.
ޖާބިރު "މިހާރު" އަށް ވިދާޅުވީ، ވެރިކަންކުރާ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޑިމޮކްރެޓިކް ސިޔާސަތާއި ގައުމުގެ ތަރައްގީ އަށް ކުރައްވާ މަސައްކަތްޕުޅުތައް ފެނިވަޑައިގަތުމުން ކަމަށެވެ.
"އެ މަނިކުފާނުގެ މުރާލިކަމާއި ހީވާގިކަމާއި ރައީސްގެ އެ ސްޕީޑުގައި މަސައްކަތް ކުރެއްވުމުން ވަރަށް ގަޔާވޭ [ރައީސް މުއިއްޒުގެ ސިޔާސަތު]. އެހެންވެ އަޅުގަނޑުގެ ސިޔާސީ ތަޖުރިބާއާ އެކު މަސައްކަތް ކޮށްލުމަށް [ޕީއެންސީއާ ގުޅުނީ]،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ޕީއެންސީގައި މި ވަގުތު އޭނާގެ އެންމެ ފުރަތަމަ އަދި އެންމެ އިސް މަސަކަތަކަށް ވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި އެ ޕާޓީ އަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދިނުން ކަމަށެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
"އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދޭން. އިރާދަކުރެއްވިއްޔާ އެ ގޮނޑި ކާމިޔާބު [ޕީއެންސީ] ކުރާނެ. އަޅުގަނޑު މަސައްކަތް ކުރާނީ ޕީއެންސީގެ ޓިކެޓް ލިބޭ މީހަކާ އެކު،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އޭނާ ޕީއެންސީއާ ގުޅިވަޑައިގަތުމުގެ ނަތީޖާއަކީ ޒުވާނުން އެ ޕާޓީ އަށް "ހޯސްލާފައި" ގުޅުން ކަމަށެވެ.
އެ ޕާޓީން ވަރަށް ހާއްސަ ކަންކަން ޒުވާނުންނަށް ހާއްސަކޮށްގެން ކުރުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ޕީއެންސީގެ ޔޫތު ހައުސްތަކެއް [ޒުވާނުންނަށް ހާއްސަކޮށް ހަދާ ޔުނިޓްތަކެއް] މާލޭގެ އިތުރުން ހުޅުމާލޭގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ޖާބިރަކީ މީގެ ކުރިން ވެސް އެކި ޕާޓީތަކުގައި އިސްކޮށް ވެސް އުޅުއްްވި ބޭފުޅެކެވެ. އެގޮތުން ޑީއާރުޕީގެ ލީޑަރުކަމާއި ޖޭޕީގެ ނައިބު ރައީސްކަން އޭނާ ކުރެއްވި އެވެ.
އެމްޑީޕީގެ ރައީސްގެ އެޑްވައިޒަރު ކަމުގެ މަސައްކަތް ކުރެއްވުމަށް ފަހު 2023 ވަނަ އަހަރު ޖާބިރު ވަނީ "ގްރީން ޕާޓީ" ނަމުގައި ޕާޓީއެއް ވެސް އުފައްދަން ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ޕާޓީއަށް މީހުން ހަމަނުވުމުން ރަޖިސްޓްރީއެއް ނުކުރެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ފެނުނު ޖާބިރު ސިޔާސީ މައިދާނުން ދުރުގައި ހުންނެވުމަށް ފަހު، އަލުން ސިޔާސީ މަސައްކަތުން ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިނުންނެވެ. ރައީސް މުއިއްޒު އިސްވެ ހުންނަވައި ޕީއެންސީގެ މާލޭގެ ދޮރުން ދޮރަށް ހަރަކާތުގައި ވެސް ޖާބިރު ބައިވެރިވެޑައިގަތެވެ.