މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވެފައި ވުމުގެ ސަބަބުން ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބް ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވެފައިވުމުގެ ސަބަބުން ބައެއް މަޝްރޫއުތަކަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރާ އެސްޓީއޯ އިން މެދުނުކެނޑި ތަކެތި ލިބޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި، ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައި ވާތީ އާއި ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތަކުގައި ކޮންމެ ވެސް ވަރެއްގެ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުން ކަހަލަ މަޝްރޫއުތައް ހިމެނެ އެވެ.
"މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް ހަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ރާވާފައިވާ ގޮތް."
މުއްތަލިބް ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ސަރުކާރުގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން ކަމަށާއި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ރައްޔިތުންގެ އަސާސީ ކަންކަން ބަރާބަރަށް ގެންދެވޭނެ ގޮތަކަށް މަގުފަހި ކުރުމަށް ފަހު ދެން ހުރި ކަންތައްތައް ވީހާ ވެސް ރަނގަޅަކަށް ރާވައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.
"ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ތެރެއިން ކަރަންޓުގެ އަގުބޮޑުވެފައެެއް ނުވޭ. ފެނުގެ އަގު ބޮޑުވެފައެެއް ނުވޭ. މަސްވެރިންނަށް ލިބޭ ތެލުގެ އަގު ބޮޑެއް ނުކުރޭ. ކައްކާ ގޭހާއި ރައްޔިތުންނަށް އަސާސީ ކާބޯތަކެތިި އެސްޓީއޯ ފޯރުކޮށްދޭ އިން ވެސް ތަކެތީގެ އަގު ބޮޑުކޮށްފައެއް ނުވޭ. އަދި އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ރާއްޖެއިން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހުގައި ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ރަނގަޅަށް މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށާއި އެހެންވެ، މަޝްރޫއުތަކުގެ ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.