ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި ދިވެހި މީހާގެ ބަންދަށް އިތުރު 12 ދުވަސް ޖަހައިފި އެވެ.

އެ މައްސަލާގައި މި މަހުގެ 5 ވަނަ ދުވަހު ހައްޔަރުކުރީ ވަނީ ތ. ވިލުފުށީ، މޫނިމާގެ، އާދަމް އަދްލާން ލަތީފް، 22، އެވެ.

ފުރަތަމަ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވެފައި ވާއިރު ފުލުހުން މިއަދު ބުނީ އިތުރު 12 ދުވަސް އަދްލާން ބަންދަށް ދީފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖުގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.