ހައްޖަށް ދާން ކިއުގައި އެތައް ބަޔަކު ތިއްބާ ބައެއް ކުންފުނިތަކުން އިނާމުގެ ގޮތުގައި ކުއްލިއަކަށް ދޭ ހައްޖުދަތުރުގައި ދާ މީހުންނަށް އަވަސް ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އެކަން އެގޮތަށް ކުރުން މިހާރު މަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ކުންފުނިތަކުން ދޭ އިނާމުގެ ގޮތުގައި ގުރުއަތުން ހޮވާ މީހުންނަށް އަވަހަށް ފުރުސަތު ދިނުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިހާރު އެކަން މަދުކޮށްފައިވާ ކަމަށެވެ. ކުންފުނިތަކަށް މިއަހަރު ދިނީ ވަރަށް މަދު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ޝަހުސީކޮށް ގަބޫލުކުރާ ކަމެއް ނޫން އެއީކީއެއް. އެއީ ކުންފުނިތަކަށޭ ކިޔާފައި އެގޮތަކަށް ކޯޓާއެއް އަސްލު ދުލެއް ނުކުރެވޭނެ. ވަރަށް ގިނަ ކުންފުނިތަކުން މިނިސްޓްރީއަށް ވެސް އާދޭ އެތާގެ މުވައްޒަފުންނަށް އެ ފުރުސަތު ހޯދަން. އެހެން ނަމަވެސް އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އެއީ އެންމެ އިންސާފުވެރި ގޮތެއް ކަމަކަށް، ކިއުގައި އެހާ ގިނަ މީހުން ރަޖިސްޓްރީ ވެފައި ތިއްބާ، ކުއްލިއަކަށް މިގޮތަށް އަންނަ ފުރުސަތުތަކަށް ޖާގަ ދިނުން،" ޝަހީމް ވިދާޅުުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ދޭ ހައްޖު ދަތުރުތައް ވެސް ދޭންވާނީ ކިއުއަށް އަރާ ގޮތަށް ކަމަށެވެ. މުވައްޒަފަށް ފައިސާދީފައި އަވަހަށް ކިއުއަށް އެރުވުމަކީ ކުންފުނިތަކަށް ކުރެވިދާނެ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އަޅުގަނޑު އަބަދު ވެސް އިލްތިމާސް ކުރަނީ އަވަހަށް ކޮންމެވެސް ވަރެއް ދައްކަވާފައި ކިއުއަށް ޖެހިފައި ތިބުން، އެއީ ކުއްލިއަކަށް ކޯޓާ އިތުރުވެގެން ވެސް ހިނގައިދާނެ ހަމަ،" ޝަހީމް ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން ކުރެއްވި ސުވާލުގައި ވިދާޅުވީ ކުންފުނިތަކަށް އަވަސް ފުރުސަތު ދޭ އިރު ދެމަފިރިން އެކުގައި ހައްޖަށް ދާން ފައިސާ ދައްކާފައި ވަނިކޮށް އޭގެ ތެރެއިން އެކަކަށް ފުރުސަތު ދީފައި އަނެކަކަށް ނުދޭ ކަމަށެވެ.
އެ ވާހަކައަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖަށް ދާން ދެމަފިރިއަކު ފައިސާ ދައްކާފައިވާ ނަމަ އެކުގައި ދާން ފުރުސަތު ދޭން ހައްޖުކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
ހައްޖަށް ދާން ގައުމުތަކަށް ކޯޓާ ދޭ މިންވަރު ސައުދީ އަރަބިއްޔާއިން މަދުކޮށްފައި ވަނީ މައްކާއާއި މަދީނާގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުން އަންނާތީ ކަމަށާއި އެކަން ނިމިގެން އެއްވެސް ގައުމަަކަށް ކޯޓާ އިތުރުކޮށްދޭ ނަމަ ފުރަތަމަ ވެސް ރާއްޖެއަށް ކޯޓާ އިތުރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.