ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ އުސޫލުތައް ބަލަހައްޓާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވި ސަބަބެއް އޭނާގެ ސިޓީގައި ހާމަނުކުރައްވާ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ޕޭ ކޮމިޝަން ދުވަހުން ދުވަހަށް ހިންގުމުގައި އިސްކޮށް ހުންނެވި ސެކްރެޓަރީ ޖެނެރަލް ފައިޒަލް އިސްތިއުފާ ދެއްވިިއިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އޮނިގަނޑަށް ދާދި ފަހުން ގެނައި ބަދަލުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޕޭ ކޮމިޝަނުން މިރޭ ބުނި ގޮތުގައި ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަ ކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
މިގޮތުން، އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށް، އެ ކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕޭ ކޮމިޝަނުން ބުންޏެވެ.