ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި، ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ، އެކަން ހުއްޓުވަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފަ އެވެ.
އެހެންވެ، ވިލިމާލޭގެ މުހިއްޔުއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ކެނޑުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެފަދަ މަޝްރޫއެއް ހިންގަން ތިމާވެއްޓަށާއި މާހައުލަށް ކުރާނެ ނޭދެވޭ އަސަރާއި ޕްލޭނިންއާ ގުޅުން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަދި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނުވެރިން ހިމެނޭ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެއާ އެކު، ސަރުކާރު ޖަވާބުދާރީކޮށް، ގާނޫނުގައިވާ ގޮތަށް ވިލިމާލޭގެ ފުނަވަލުގެ ގަސްތައް ހިމާޔަތްކޮށް ދެމެހެއްޓައި، ރައްޔިތުންގެ އާންމު މަސްލަހަތުގެ ދިފާއުގައި، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ހުމައިދާ އަބްދުލް ޣަފޫރާއި އަހުމަދު އިކުރާމް އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އެދުނީ، ފުނަވަލުގައި އެއްވެސް މަޝްރޫއެއް ފެށުމުގެ ކުރިން، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދާފައި ނެތުމުން ފިޔަވަޅު އަޅައި ދިނުމަށާއި ހިމާޔަތުގެ ދަރަޖަ ދީފައި ހުރި ގަސްތަކަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް އެ ސަރަހައްދުގައި ނުކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލަށް އަންގައި އަމުރު ކޮށްދިނުމަށެވެ.
އަދި ފުނަވަލުގައި ހުރި، ހިމާޔަތްކޮށްފައިވާ ގަސްތަކުގެ ދަފްތަރު ގަވާއިދާ އެއްގޮތަށް އަދާހަމަކޮށް، އެ ގަސްތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަ ކުރުމަށް ވެސް ސުޕްރީމް ކޯޓުގައި އެދުނެވެ. މީގެ އިތުރުން ފުނަވަލުގައި ކުރިއަށް ގެންދާ މަޝްރޫއުއަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއްކަމުން، މިފަދަ މަޝްރޫއުއެއް ވިލިމާލޭ ފުނަވަލުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، މަޝްރޫއު ހުއްޓާލުމަށް ސަރުކާރުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި އެދިފައި ވެ އެވެ.
ގާނޫނާއި ގަވާއިދުތަކާއި ހިލާފު ނުވެ، ދެމެހެއްޓެނިވި ތަރައްގީ އާއި ދިރޭތަކެތީގެ ނަސްލެއް ނެތިގެން ނުދާނެ އަދި ތިމާވެށި ހަލާކު ނުވާނެ ގޮތަށް، ގުދުރަތީ ވަސީލަތްތައް ބޭކާރުނުވާނެ ގޮތަށް، އިމާރާތްކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މައްޗަށް އަމުރު ކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި، ފްލެޓް ޕްރޮޖެކްޓް ހިންގާނީ އެ ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ވީހާ ވެސް މަދު ގަހެއް ކަނޑައިގެންނެވެ.
އަދި ކޮންމެހެން ނަގަން ޖެހިގެން ނޫނީ އެއްވެސް ގަހެއް ނުނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.