ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލާގައި ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފަތުރަން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ އުމުރުން 18 އަހަރުގެ ޒުވާނަކު ރޭ ދަންވަރު މަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ހަބަރަށްފަހު ސޯޝަލް މީޑިއާގައި ދަނީ އެ ކުއްޖާގެ ފޮޓޯއާއި ކުއްޖާ ދަނާލުން ނެރޭ ވީޑިއޯތައް ދައުރު ކުރަމުންނެވެ. އަދި އެ ކުއްޖާ މަރުވީ ގަނާކުރުމުގެ މައްސަލައެއްގައި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކާ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެ ނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާ އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އެ ތަކެތި ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.
ސައްހަކަން ކަށަވަރުނުވާފަދަ މައުލޫމާތު ފެތުރުމަކީ މަރުހޫމާގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.