ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމު ވަކިކޮށްފި އެވެ.
މީގެ ތެރެއިން ސަލާމަތީ ބާރުތަކާ ގުޅޭ ކަންތައްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ބަލާ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަަށް ލަފާދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަ އެކަނި ކޮމިޓީއަކީ ވެސް އެއީ އެވެ.
މާލިއްޔަތު ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ބަލައި، ދޭންޖެހޭ ލަފާތައް ދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ.
ނާޒިމްގެ ރައްޔިތުންގެ މަޖިލިހުގެ ހަޔާތުގައި މާލިއްޔަތު ކޮމިޓީއަކީ އަބަދުވެސް އޭނާ އެންމެ އިސްކަން ދެއްވާ އެއް ކޮމިޓީ އެވެ. އަދި ފަހަކަށް އައިސް މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީގައި އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މައްސަލަތައް ސަމާލުކަމަށް ގެންނަވާ އެއް ބޭފުޅަކީ ވެސް ނާޒިމެވެ.
ނާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ދެ ކޮމިޓީއަށް ވެސް އޭނާގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ އޭނާގެ މަސައްކަތް މިހާރު ހުރި ގޮތުން، އެ ދެ ކޮމިޓީ އަށް ވަގުތު ނުދެއްވޭތީ އެގޮތަށް އެއްބަސްވެވަޑައިގަތުމުންނެވެ.
"ކޮމަންވެލްތު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ރާއްޖެ އިން ހޮސްޓް ކޮށްގެން ބާއްވަން އެބައޮތް ކުރިއަށް އޮތް ހަފުތާގައި. އެ ބައްދަލުވުމުގައި ވެސް އިސްކޮށް އުޅެން ޖެހެނީ އަޅުގަނޑު. އަނެއްކާ އަންނަ މަހުގެ ކުރީކޮޅުން ފެށިގެން އަޅުގަނޑު ރާއްޖެ އިން ބޭރުގައި އަމިއްލަ ކަމެއްގައި ވެސް އުޅެން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރީ އެ ސަބަބުތަކާ ހެދި އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ނާޒިމް މިހާރު ހިމެނިވަޑައިގަންނަވަނީ ހަމަ އެކަނި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އާއި އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގަ އެވެ.