ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ކުރިމަގުގައި އައްޔަންކުރާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ތައުލީމީ ފެންވަރަށް ބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލު ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު، މިނިސްޓަރުން މަގާމުތަކުން ވަކިކުރުމާއި ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ އިތުރުން ދެން ކުރަން ނިންމަވާފައިވާ ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތާނގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރައްވާއިރު ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށެވެ.
އެގޮތުން ސަރުކާރުގެ މިނިސްޓްރީތަކަށް މީގެ ފަހުން އައްޔަނުކުރާ ސްޓޭޓް މިނިސްޓަރުންނަކީ މާސްޓާސް ޑިގްރީ އޮތް ބޭފުޅެއްތޯ އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ޑިގްރީއެއް އޮތް ބޭފުޅެއްތޯ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިއަށް އޮތް ތަނުގައި އިތުރަށް ބަލާނަން، މެރިޓް، އެ މީހާގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް. މިސާލަކަށް އަޅުގަނޑުގެ ވިސްނުމަކު ކުރިއަށް އޮތް ތަނުގައި ނެތް އެއްގޮތަކަށް ވެސް މިސާލަކަށް ސްޓޭޓް މިނިސްޓަރަކަށް މީހަކު ކޮންމެހެން ލާން ޖެހިއްޖެއްޔާ ލާންޖެހޭ ފަހަރެއްގައި ވެސް އެ މީހާ އަތުގައި މިސާލަކަށް މާސްޓާސް ޑިގްރީއެއް އޮތްތޯ ބެލުން،" ރައީސް ވިދާޅުވި އެވެ.
"ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން އެ ތަނަކަށް ބޭނުންވާ މީހަކު ލާންޖެހޭ ހާލަތުގައި ވެސް އެ މީހާ އަތުގައި އެކަމާ ބެހޭ ދާއިރާ އިން ޑިގްރީއެއް އޮތްތޯ ބެލުން. މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން އަޅުގަނޑު ވިސްނާފައި މި އޮތީ."
އޭގެ އިތުރުން ގާނޫނުއަސާސީން ލިބިފައިވާ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރާއިރު އެ ދާއިރާއަކުން ތައުލީމުގެ އިތުރުން ތަޖުރިބާއަށް ވެސް މީގެ ފަހުން ބަލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ހަރަދު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޕާފޯމަންސް ބޭސްކޮށް ވީހާ ވެސް ގިނަ މީހުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.