މިއުޒީޝަނުން ހިމެނޭހެން ހުރިހާ ފަންނުވެރިންނަށް ހާއްސަ ލޯނުތަކާއި ގްރާންޓުތައް ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިން މިހާރު ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ހާއްސަ ލޯނު ނުވަތަ ފައިނޭންސިން ސްކީމްގެ ދަށުން މިއުޒީޝަނުންނަށް ލޯނަށް ނޭދެވޭތީ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިޔަކު ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ވިދާޅުވީ އެކި ސެކްޓާތަކަށް ކުދި އަދި މެދު ފަންތީގެ ލޯނު ދޫކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ބަލާނަން ކިހިނެއްތޯ މިހާރު ޖުމްލަކޮށް އާޓިސްޓުންނަށް އެކިއެކި ފަންނުވެރިންނަށް ފުރުސަތުތައް ދިނުން އޮތީ. ސަރުކާރުގެ ސީދާ ބަޖެޓުން ވެސް، މިއުޒިކް ކުޅޭ ފަރާތްތަކެއް ނޫން، އާޓިސްޓުންނަށް ނުވަތަ ކުރަހާ ފަރާތްތަކަށް ހާއްސަ ގްރާންޓެއް ދިނުން ވެސް އެބައޮތް. އެހެންވީމަ، ފަންނުތައް، އެކި ކަހަލަ އާޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކި ކަހަލަ ލޯނުތަކާއި ގްރާންޓުތައް ދިނުމަކީ ސަރުކާރުގެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ކޮންޓެންޓް ކްރިއޭޓާ ފައިނޭންސިން ސްކީމް މިހާރު ޓާގެޓުކޮށްފައި ވަނީ ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ފިލްމު ޕްރޮޑިއުސަރުންނަށެވެ. އިސްލާމިކް ފައިނޭންސިން އުސޫލުގެ ދަށުން އެކުލަވާލާފައިވާ އެ ސްކީމްގެ ދަށުން 25،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ފައިނޭންސިން ދޫކުރެ އެވެ.
އިސްލާމިކް މައިކްރޯ ފައިނޭންސިންގެ ނަމުގައި ތައާރަފުކޮށްފައިވާ ހާއްސަ ސްކީމެއްގެ ދަށުން ވެސް ކުދި ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް އަންނަނީ ލޯނު ދޫކުރަމުންނެވެ. އެ ސްކީމްގެ ދަށުން 100،000ރ. އާ ހަމައަށް ފައިނޭންސިން ހަމަޖައްސައިދެ އެވެ. އެ ފައިނޭންސިންގެ ދަށުން 10 އަހަރާ ހަމައަށް ފައިސާ ދެއްކެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ގްރޭސް ޕީރިއަޑެއް ލިބެ އެވެ.
އެއީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ތައާރަފުކޮށްފައިވާ ސްކީމްތަކެކެވެ.