އެންމެ ފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލައި، ގާނޫނުއަސާސީ އަށް ކޮންމެހެން ގެންނަންޖެހޭ އަދި ކުރިން އެ މަނިކުފާނު އިއުލާން ކުރައްވާފައިވާ އިސްލާހުތައް ފިޔަވައި އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ނުގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ރައްޔިތުން އެހާ ރުހޭ ކަމެއް ނޫން ކަން މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިން ސާފުވާ ކަމަށެވެ. 

"އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މި ވަނީ. އެއީ، ގާނޫނުއަސާސީ އަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން، އެހާ ބޮޑަށް ފޭވާ ކުރާ ކަމެއް ނޫން ކަން،" ރައީސް ވިދާޅުވި އެވެ. 

"އެހެންވީމަ، ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތް ތަނުގައި ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން ދެނެއް."

ނަމަވެސް، ރައީސް ކުރިން އިއުލާންކުރައްވާފައިވާ ގާނޫނީ އިސްލާހުތަކުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އޭގެ ތެރޭގައި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމާއި މަޖިލީހުގެ ވަކި ޕަސެންޓެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުމަށް ގާނޫނަށް ގެންނަން ރާވާފައިވާ އިސްލާހުތައް ހިމެނެ އެވެ. 

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި 69 ޕަސެންޓު މީހުން ވަނީ އެ އިސްލާހަށް ނޫނެކޭ ބުނެފަ އެވެ. އެއީ 148،859 މީހުންނެވެ. އެ ބަދަލު ގެންނަން ފެންނަ ކަމަށް ވޯޓު ދިނީ 67،680 މީހުންނެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕެއިން ޓީމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުމުން ކަމަށެވެ.