ބާޒާރުގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރަން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެކަން ކުރިއަށް ވުރެ ރަނގަޅަށް މިހާރު މެނޭޖްކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ތަކެތީގެ އަގު އުފުލުނަ ނުދީ މެނޭޖް ކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮތް ވަަރަށް ވުރެ މާ ރަނގަޅަށް މިހާރު ކުރެވޭ ކަމަށެވެ. މެންބަރު އަމީން ކުރެއްވި ސުވާލުގައި އެއްސެވީ ޗައިނާއާ އެކު ރާއްޖޭން ސޮއިކޮށްފައިވާ ފްރީ ޓްެރޭޑް އެގްރިމެންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމުން ބާޒާރަށް ކިހާވަރެއްގެ ލުޔެއް ލިބިފައިވޭތޯ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން، ސައީދު ވިދާޅުވީ ތަކެތީގެ އަގުތައް މެނޭޖްކުރުމާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުގެ ވަޒީރުން ދައްކަވާފައިވާ ވާހަކަތަކުގެ ހުލާސާއެއް، މިއަދުގެ ޖަލްސާއަށް ގެންނެވީ އެ ސުވާލު ކުރައްވާނެތީ ކަމަށެވެ. އެހެން ވިދާޅުވެ ފޮތެއް ދައްކަވާލައްވާފައި ވިދާޅުވީ އެ ފޮތް މެންބަރަށް ދެއްވާނެ ކަމަށެވެ.
"މިހާރާ އަަޅާ ބަލާއިރު، އޭރު އޮތް ހާލަތު ވަރަށް ބޮޑަށް ބަދަލުކުރެވިގެން، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ވަރަށް ރަނގަޅަށް މެނޭޖްކުރެވިގެން އަގުތައް މި ގެންދަނީ. އިންޝާﷲ އެފްޓީއޭ، އޭގެ ބޮޑު ދައުރެއް އަދާކުރާނެ،" ސައީދު ވިދާޅުވި އެވެ.
ޗައިނާއާ އެކު ގާއިމްކޮށްފައިވާ އެފްޓީއޭ އަކީ ރާއްޖެއަށް ފައިދާ ބޮޑު އެގްރިމެންޓެއް ކަމަށް މިއަދުގެ ޖަލްސާގައި ވެސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ. އެ އެގްރިމެންޓާ ބެހޭ ގޮތުން މީގެ ކުރިން މަޖިލީހުގައި ސުވާލުކުރި އިރު ވެސް އެ ވާހަކަތައް ތަކުރާރު ކުރެއްވި އެވެ.
އެ އެގްރިމެންޓްގައި ރާއްޖޭން ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެެވެ. އޭރު ވެސް އިކޮނޮމިކް މިނިސްޓަރަކީ ސައީދެވެ.
"ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ބާޒާރު، އެންމެ ކުރިއަރަމުން އަންނަ އިކޮނޮމީ، އެ އިކޮނޮމީގެ އެކިއެކި ސިޓީތަކުގައި އެކި ޕްރޮވިންސްތަކުގައި އެކި ތަންތާނގައި ދިވެހިންނަށް ވިޔަފާރިކުރުމުގެ ފުރުސަތު އެ އޮތީ ހުޅުވިފައި،" ސައީދު ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ 296 ބާވަތެއްގެ ސީފުޑް، ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުަސަތު އެ އެއްބަސްވުމުގެ ދަށުން ހުޅުވިފައިވުމެވެ. އެއީ ދުނިޔޭގެ ވަރަށް މަދު ގައުމުތަކަކަށް ލިބިފައިވާ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.