ދޯންޏެއްގެ ތެރޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ބިދޭސީއަކު އުމުރަށް ޖަލަށްލައި، މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށް ދައުލަތުން ދައުވާކުރީ ދ. މީދޫއަށް ނިސްބަތްވާ ދޯންޏެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ޝާހީންގެ އަރިކަށްޓަށް މާޗް 2021 ގައި ވަޅިން ހަމަލާދީ މަރާލި މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެ ދައުވާއަށް މަސްއޫދު އިންކާރުކުރި ނަމަވެސް އެ ހަމަލާދިނުމުގެ ކުރިން އޭނާ އާއި ޝާހީންއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އަދި އިރުކޮޅެއްފަހުން ޝާހީންގެ ހަޅޭއްލަވައިގަތް އަޑުއިވިގެން ބެލިއިރު އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ހެކިން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެވަގުތު މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެއީ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ވަޅިއެއް ގެންގުޅެނިކޮށް ޝާހީން އޭގެ މައްޗަށް ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށް މަސްއޫދުގެ ފަރާތުން ބުނެފައި ވިޔަސް، އެކަމަށް ބުރަދަނެއް ނުދެވޭނެ އެވެ. ސަބަބަކީ އޭގެ ކުރިން ދެ މީހުން ދޯނީގައި ތިބެގެން ހަމަނުޖެހުން ހިންގާފައިވުމާއި ވަޅި ހެރުމުން ޝާހީނަށް އެހީވާން މަސްއޫދު މަސައްކަތް ނުކުރުމުގެ އިތުރުން އެ ހާދިސާއަކީ "އިންސިޑެންޓެއް" ކަމަށް ވުމުގެ ފުރުސަތު ކުޑަ ކަމަށް ސީން ރިކޮންސްޓްރަކްޝަން ރިޕޯޓްގައި ބަޔާން ކުރާތީ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ހުކުމުގައިވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ނަމަވެސް ޝާހީންގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އެ މީހުން ބުނާތީ، އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުމަށް ވެސް ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރިވެފައިވެ އެވެ.
މަސްއޫދު އުމުރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 19 އަހަރާއި 10 މަހުގެ ޖަލު ހުކުމެކެވެ.