އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ވާދަކުރަން ބޭނުންވާ މީހުން ފޮޓޯ ހޯދަން ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ކޮށް، އެމްޑީޕީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ.

އެކަމާ ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާ ގޮތަށް ކޮންމެ ރެއަކު ކުރާ މުޒާހަރާތަކަކީ ސަރުކާރުން ގޯސްކޮށް ކަމެއް ކޮށްގެން ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ.

"ޕާޓީގެ ލީޑަރުން ހެޔޮހާލުގައި ގޭގައި. ނުހައްގުން ޖަލުގައި ހުރި އެކަކު ވެސް ނެތް. ސިޔާސީ އަނިޔާ ލިބެމުންދާ އެކަކު ވެސް ނެތް... މި މުޒާހަރާތަކަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް. ގުރުބާންވީ ތިމަންނައޭ ބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ބައިވެރިވަނީ-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ބައިވެރިވަނީ-- ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހުކުރަން ފެނިވަޑައިގަންނަވާ ކަންކަން އިސްލާހު ކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝުޖާއުގެ ޕޯސްޓްގައިވެ އެވެ.

މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް އަސާސެއް ނެތި އެމްޑީޕީން ކުރާ އުނދަގޫތަކަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވެސް ޝުޖާއުގެ ޕޯސްޓްގައިވެ އެވެ.

އެމްޑީޕީން ދާދިފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި ގަރާރުގައި 12 ކަމެއް އިސްލާހުކުރަން ސަރުކާރަށް ހުށަހެޅި އެވެ.

އޭގެ ތެރެއިން މާލޭގެ އެކި ހިސާބުތަކުގައި އެއްވުންތައް ބާއްވުންތަކަށް ފުރުސަތު ދިުނން އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީން ވެސް މަގުމައްޗަށް ނުކުމެ ސިލްސިލާ އެއްވުންތައް ބާއްވަމުން ދާއިރު، އެ ޕާޓީން ވަނީ ރޭ އެމްޑީޕީގެ އެއްވުމާ ގުޅި، އަޑު އުފުލައިފަ އެވެ. 

އެމްޑީޕީން ރޭ ބޭއްވި އެއްވުން-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ރޭ ބޭއްވި އެއްވުން-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ 12 ޑިމާންޑް:

  1. މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު މަޖިލިހަށް ދޫކޮށްލުން.
  2. ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ރާވާފައިވާ ކަންކަން އިސްލާހުކުރުން.
  3. މަޖިލިހުގެ މެމްބަރުން ވޯޓު ދޭ ގޮތަކުން ނުވަތަ ޕާޓީއެއްގެ ކޮމިޓީއަކުން އަޅާ ފިޔަވަޅަކުން މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލު ބާތިލްކުރުން.
  4. ލޯކަލް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބޭ ގޮތަށް ގާނޫނުތައް އަލުން އިސްލާހުކުރުން.
  5. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން.
  6. ސަރުކާރުގެ ސިޔާސީ މަގާމުގެ އަދަދު ހާމަކުރުން. އޭގެ ތެރޭގައި މިދިޔަ ހަ މަސް ދުވަހު ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ޕްރޮމޯޝަންގެ އަދަދާއި އެ މީހުންގެ ތަފުސީލް ހާމަކުރުން.
  7. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތާ ދިމާކޮށް މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުން.
  8. ޖޭއެސްސީ އިސްލާހުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
  9. އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ރައީސުންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް، ގާބިލް ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރުން.
  10. ދައުަލަތުގެ ހަރަދު ކުޑަކޮށް، އިގުތިސާދީ ހާލަތާ ގުޅޭ އިސްލާހުތައް ހާމަކުރުން.
  11. ގާނޫނުއަސާސީ އިސްލާހު ކުރާއިރު، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަޝްވަރާގެ މަތިން ނޫނީ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރުން.
  12. ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓާލުން އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ބާރު އީޕީއޭއަށް އަލުން ދިނުން.
އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރޭ ބޭއްވި އިހުތިޖާޖުގައި ފުލުހުންނާ ދެމެދު ހިންގި ހަމަނުޖެހުމުގައި އެ ޕާޓީގެ ދެ އެކްޓިވިސްޓު ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް މައިމޫން މުހައްމަދާއި ނައިފަރު ދާއިރާގެ ރައީސް އަބްދުالله ރަޝީދު (ވާވާ) ހައްޔަރުކުރި އެވެ. ނަމަވެސް މިއަދު އެ ދެ މީހުން ވެސް ވަނީ ދޫކޮށްލައިފަ އެވެ.