މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖުގެ 72 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ. 

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ 71.60 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

މައިގަނޑު މަސައްކަތެއްގެ ގޮތުގައި މިހާރު ސައިޓުގައި ކުރަމުން އަންނަނީ ބްރިޖު ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ބްރިޖު ޑެކަށް ބޭނުންވާ 1،222 ސެގްމަންޓުގެ ތެރެއިން މިހާތަނަށް 84 ޕަސެންޓު ސެގްމަންޓް ކާސްޓްކޮށް މިހާރު ވަނީ ނިމިފަ އެވެ. އަދި 54 ޕަސެންޓު ސެގްމަންޓް އިންސްޓޯލްކޮށް ވަނީ ނިމިފަ އެވެ. 

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: އެ މަޝްރޫއުގެ 72 ޕަސެންޓް މިހާރު ވަނީ ނިމިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: އެ މަޝްރޫއުގެ 72 ޕަސެންޓް މިހާރު ވަނީ ނިމިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގުޅިފަޅުގައި މިވަގުތު ކުރިއަށް ގެންދަނީ ބްރިޖާ ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ތިލަފުށީގައި މިވަގުތު ކުރިއަށް ގެންދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާޓްސް (ފެން ހިންދާ ނިޒާމު) ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި، ގުޅިފަޅުގައި ހެދި ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހެދި (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ. 

ޕްރީކާސްޓް ކުރުމަކީ ބްރިޖްގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ބައިތައް އެހެން ތަނެއްގައި ހަދައިގެން ސައިޓަށް ގެންގޮސްގެން ހުރިހާ ބައިތަކެއް ގުޅުވުމެވެ. ކުރިން ސިނަމާލެ ބްރިޖު ހެދިއިރު މި ބައިތައް ގެނައީ ޗައިނާގައި ހަދައިގެންނެވެ. މިފަހަރު އެ މަސައްކަތް ކުރަނީ ގުޅިފަޅުގަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ މި ދިގު ބްރިޖުގެ 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެ ބްރިޖު އެޅުމަށް މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. 

މިއީ ރާއްޖޭގެ ފުރަތަމަ ބުރިޖު، ސިނަމާލެ ބްރިޖަކަށް ވުރެ ހަ ގުނަ ބޮޑު ބްރިޖަކަށް ވުމާ އެކު، މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވި އެވެ. 

މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.