ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި، ޕީއެންސީއަށް 584 ގޮނޑި އަދި އެމްޑީޕީއަށް 563 ގޮނޑި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި، މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޕީއެންސީއަށް ކައުންސިލްތަކުން ލިބުނީ 280 ގޮނޑި އެވެ. އެއީ ސިޓީ ކައުންސިލްތަކުން ފަސް ގޮނޑި އާއި ރަށު ކައުންސިލްތަކުގެ ރައީސްގެ 75 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން 101 ގޮނޑި އަދި އާންމު ގޮނޑީގެ 99 ގޮނޑި އެވެ.
ނަމަވެސް އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެމްބަރުންގެ ގޮނޑިތަކާއެކު، ޕީއެންސީއަށް ޖުމްލަ 584 ގޮނޑި ލިބިފައިވެ އެވެ. އެގޮތުން އެ ކޮމެޓީތަކުގެ ރައީސުންގެ ގޮނޑި އާއި މެމްބަރުންގެ ގޮނޑިތަކުގެ ތެރެއިން 304 ގޮނޑިއެއް ޕީއެންސީއަށް ލިބުނެވެ.
މީގެ އިތުރުން އިންތިހާބުގެ ކުރިން ބައެއް ކެންޑިޑޭޓުންގެ ނަންތަކެއް އަނބުރާ ނެގުމުން އިންތިހާބަކާ ނުލާ ވެސް ޕީއެންސީން ގިނަ ގޮނޑިތަކެއް ކަށަވަރުކުރި އެވެ.
އިދިކޮޅު އެމްޑީޕީން ކައުންސިލްތަކުން ވަނީ މޭޔަރުގެ ފަސް ގޮނޑި އާއި ސިޓީ ކައުންސިލްގެ 41 ގޮނޑި އާއި ރަށު ކައުންސިލް ރައީސްގެ 73 ގޮނޑީގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން 88 ގޮނޑި އަދި އާއްމު ގޮނޑިތަކުގެ 82 ގޮނޑިއާއެކު ޖުމްލަ 289 ގޮނޑި ހޯދައިފަ އެވެ. އަދި އަންހެނުންގެ ކޮމެޓީތަކުގެ ގޮނޑިތަކާއެކު އެމްޑީޕީއަށް ލިބުނީ 563 ގޮނޑި އެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި 664 މީހުން އަދި އެމްޑީޕީގެ ޓިކެޓުގައި 489 މީހުން ވާދަކުރި އެވެ. އަންހެނުންގެ ކޮމެޓީ އިންތިހާބުގައި ޕީއެންސީން 658 މީހުން އަދި އެމްޑީޕީން 416 މީހުން ވާދަކުރި އެވެ.
އެހެން ޕާޓީތަކުން ވާދަކުރި ކެންޑިޑޭޓުންގެ އަދަދު
- ޖުމްހޫރީ ޕާޓީ: 8 ކެންޑިޑޭޓުން
- އެމްޑީއޭ: 31 ކެންޑިޑޭޓުން
- ދަ ޑިމޮކްރެޓްސް: 8 ކެންޑިޑޭޓުން
- އަދާލަތު ޕާޓީ: 3 ކެންޑިޑޭޓުން
އަންހެނުންގެ ކޮމެޓީން އެމްޑީޕީއަށް ލިބުނު ގޮނޑިތަކުގެ ތަފްސީލް
- ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސް: ފަސް ގޮނޑި
- ސިޓީތަކުން އަންހެނުންގެ ކޮމެޓީގެ އާންމު މެމްބަރުން: 42
- ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސް: 60 ގޮނޑި
- ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ މެމްބަރު: 167 ގޮނޑި
ޖުމްލަ: 274 ގޮނޑި
އަންހެނުންގެ ކޮމެޓީން ޕީއެންސީއަށް ލިބުނު ގޮނޑިތަކުގެ ތަފްސީލް
- ސިޓީތަކުން އަންހެނުންގެ ކޮމެޓީގެ އާންމު މެމްބަރުން: 4
- ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސްކަން: 84
- ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ މެމްބަރުން: 216
ޖުމްލަ: 304 ގޮނޑި
އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ޕާޓީތަކުން ވާދަކުރި ކެންޑިޑޭޓުންގެ އަދަދު
- ޕީއެންސީ: 658 ކެންޑިޑޭޓުން
- އެމްޑީޕީ: 417 ކެންޑިޑޭޓުން
- ޖުމްހޫރީ ޕާޓީ: 7 ކެންޑިޑޭޓުން
- އެމްޑީއޭ: 28 ކެންޑިޑޭޓުން
- އަދާލަތު ޕާޓީ: 6 ކެންޑިޑޭޓުން
ލޯކަލް ކައުންސިލް އިންތިހާބުގައި 678 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެސް 678 މީހުންނާއެކު ޖުމްލަ 1،356 ކެންޑިޑޭޓުން އިންތިހާބުކޮށްފައިވެ އެވެ.
އެހެން ޕާޓީތަކަށް ލިބުނު ގޮނޑީގެ ތަފްސީލް
- އަދާލަތު ޕާޓީ: ރަށު ކައުންސިލް މެމްބަރުގެ ދެ ގޮނޑި އާއި އަންހެނުން ކޮމެޓީގެ ރައީސްގެ ދެ ގޮނޑި އަދި އަންހެނުން ކޮމެޓީގެ އާއްމު މެމްބަރުގެ ދެ ގޮނޑިއާއެކު ޖުމްލަ ހަ ގޮނޑި
- ޖުމްހޫރީ ޕާޓީ: ރަށު ކައުންސިލްގެ ރައީސްގެ އެއް ގޮނޑި އާއި ރަށު ކައުންސިލް މެމްބަރުގެ އެއް ގޮނޑި އާއި އަންހެނުންގެ ކޮމެޓީގެ އާއްމު މެމްބަރުގެ ދެ ގޮނޑިއާއެކު ޖުމްލަ ހަތަރު ގޮނޑި
- އެމްޑީއޭ: ރަށު ކައުންސިލް ރައީސްގެ ހަތަރު ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ހަތަރު ގޮނޑި އާއި އާންމު މެމްބަރުގެ ހަތަރު ގޮނޑި އާއި އަންހެނުންގެ ކޮމެޓީ ރައީސްގެ ހަތަރު ގޮނޑި އާއި އަންހެނުން ކޮމެޓީގެ ހަތް ގޮނޑިއާއެކު ޖުމްލަ 23 ގޮނޑި
- ޑިމޮކްރެޓްސް: ރަށު ކައުންސިލް ރައީސްގެ އެއް ގޮނޑި އަދި އަންހެނުންނަށް ހާއްސަ އެއް ގޮނޑިއާއެކު ޖުމްލަ ދެ ގޮނޑި
މީގެ އިތުރުން އަމިއްލަ ގޮތުން ވެސް 91 މީހަކު ކައުންސިލްތަކަށް އަދި އަންހެނުންގެ ކޮމެޓީއަށް 78 މީހަކު އިންތިހާބުވި އެވެ.