ރާއްޖޭގައި ރަސްމީ ތައުލީމުގެ ނިޒާމް ފެށި މަޖީދިއްޔާ ސްކޫލް ވާން ޖެހޭނީ އެހެން ސުކޫލްތަކަށް ރޯލްމޮޑެލްއަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީގެ އާ ޒަމާނަކަށް ދުނިޔެ ބަދަލުވާއިރު ރާއްޖޭގެ ރަސްމީ ތައުލީމު ފެށުނު ބިނާއަކީ ނަމޫނާ ތަނަކަށް ވާން ޖެހޭ ކަމަށެވެ.
ތައުލީމީ ނިޒާމު ކުރިއަރުވައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ އާ ކަންތައްތައް ތައާރަފް ކުރުމުގައި މަޖީދިއްޔާ ސްކޫލު ވާން ޖެހެނީ ނަމޫނާއަކަށް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"މަޖީދިއްޔާ ވާން ޖެހޭނީ އެހެން ހުރިހާ ސްކޫލްތަކެއް ބަލާ ރޯލްމޮޑަލަކަށް. ގިނަގުނަ ފިލާވަޅުތަކެއް ލިބިގެންދާނެ ތަނަކަށް،" އިސްމާއިލް ވިދާޅުވި އެވެ.
"މަޖީދިއްޔާގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން އޭރިއާ ނަގައި އެ ތަނުގައި މަޖީދިއްޔާގެ 100 އަހަރު ރަމްޒުކޮށްދިނުމަށްޓަކައި އަޅާ ހާއްސަ ބިނާގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެންމެން އެކީގައި މަސައްކަތް ކުރާނީ 100 އަހަރު ފުރެންވާއިރަށް އެ ބިނާގެ މަސައްކަތް ނިންމައި ހުޅުވައި، ޓެކްނޮލޮޖީގެ އާ މަރުހަލާއަކަށް ކިޔެވުން ބައްޓަން ކުރެވިގެންދާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި އެކަން ކުރުމަށް."
ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފެށި މުހިއްމު އެއް މަސައްކަތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، "ބިންގާ" ޕްރޮގްރާމެވެ.
އެ ޕްރޮގްރާމަކީ ދަރިވަރުންގެ ހިތްތަކުގައި ކުލުނުވެރިކަމާއި އެހެން މީހުންނަށް އިހްތިރާމް ކުރުމާއި ޓީޗަރުންނާއި ބެލެނިވެރިންނާއި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ އެންމެނަށް އިހުތިރާމާއި ގަދަރު، ކުދިންގެ ހިތްތަކުގައި އަށަގެންނެވުމާއި އަމިއްލަ ނަފުސަށް އިތުބާރު ކުރުން ފަދަ އެތައް ސިފަތަކެއް އެކުލަވާލެވިފައިވާ ގޮތަށް އެއް އަހަރު ދުވަހަށް ބައްޓަން ކުރެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލުގެ އާ ވެބްސައިޓާއި ޔޫޓިއުބް ޗެނަލްގެ އިތުރުން މަޖީދިޔާގެ ފޮތެއް ވެސް ވަނީ ލޯންޗްކޮށްފަ އެވެ.