މާލޭ ސިޓީކައުންސިލް އޮޑިޓްނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވިދާޅުވެ، އެ ކައުންސިލް އޮޑިޓް ނުކުރާ ސަބަބު ހޯދަން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ ވޭތުވެދިޔަ 10 ވަރަަކަށް އަހަރުގެ ތެރޭގައި ވެސް މާލޭ ސިޓީކައުންސިލް އޮޑިޓްކޮށްފައި ނުވާކަން ނުވަތަ އޮޑިޓްކޮށް ރިޕޯޓެއް އާއްމުކޮށްފައި ނުވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ދައުލަތުގެ ހުރިހާ އިދާރާއެއް އޮޑިޓްކުރަން އޮޑިޓް ގާނޫނުން ލާޒިމްކޮށްފައިވާ އިރު، މާލޭ ކައުންސިލް އޮޑިޓްކުރަން އޮޑިޓާ ޖެނެރަލް މަސައްކަތްކުރައްވާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...މިހެން ކަމުން މާލޭ ސިޓީކައުންސިލް މިހާތަނަށް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކޮށް، އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށް ދެކެމެވެ،" ސިޓީގައި ކުޑޫ ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތަކާ އެކު ކުޑޫ ވަނީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވައިދޭން ވެސް އެދިވަޑައިގެންފަ އެވެ. އެ ބައްދަލުވުން ކުރިއަށް ދާއިރު، އޮޑިޓާ ޖެނެރަލާއި މާލޭ ސިޓީކައުންސިލް ހާޒިރުކޮށްދޭން ވެސް އޭނާ އެދިވަޑައިގަތެވެ.
މާލޭ ސިޓީކައުންސިލް އޮޑިޓްކޮށް ރިޕޯޓެއް އާއްމުނުކުރާތާ ގިނަ ދުވަސް ވެފައި ވާއިރު އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އޮޑިޓްކޮށް، ރިޕޯޓްތައް އާއްމުކޮށްފަ އެވެ. އެފަދަ ބައެއް ރިޕޯޓްތަކުން ފާހަގަވި މައްސަލަތައް ކަމާ ބެހޭ އެހެން އިދާރާތަކުން ބަލައި ފިޔަވަޅު ވެސް އެޅި އެވެ.