ރާއްޖެ އަށް ވައިގެ މަގުން ގާތްގަނޑަކަށް ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި ދެވަނަ މީހާ ހައްޔަރުކުރީ ހުޅުމާލޭން ކަމަށެވެ. އެއާޕޯޓުން ހައްޔަރު ކުރި މީހާ އަކީ ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި މީހެކެވެ.

ފުލުހުން ބުނި ގޮތުގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދޫ އާބިޖިލީހިޔާ،  އާމިނަތު ރޫނާ 29، އާއި ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު، 25، އެވެ.

އެ ދެމީހުންގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީ ރޫނާ އެވެ. 

އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ތަހުގީގުގެ ބޭނުމަށް 15 ދުވަަހަށް ބަންދުކުރަން އެ ކޯޓުން އަމުރުކުރި އެވެ. 

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހުން ވައިގެ މަގުން ރާއްޖެ އަށް ގެނައި ކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.