ތޫނު އެއްޗަކުން ބިދޭސީއަކަށް އިއްޔެ ރޭ ހަމަލާދީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު އިއްޔެ ރޭ ދަންވަރު 01:08 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ 38 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ކަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެ މައްސަލައިގެ ތުހުމަތަށް ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަންތަރު މުއްލާ، 28، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެ ބިދޭސީ މީހާ އަށް ހަމަލާދީފައިވަނީ ކަރަންކާމަގުގައި ހުއްޓަ އެވެ. ނަމަވެސް، އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. 

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.