ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ސަރުކާރަށް އަޣުލަބިއްޔަތު ނުލިބުނު ރަށްތަކާ މެދު ވެސް ސަރުކާރުން އަމަލުކުރާނީ ހަމަހަމަ އުސޫލަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އއ. އަތޮޅު ތިން ރަށް ކަމަށްވާ ރަސްދޫ އާއި އުކުޅަސް އަދި ތޮއްޑޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރުން އިސްކުރާނީ އަދުލުވެރިކަން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލެއް އޮތް ނަމަވެސް، ސަރުކާރުން ހިދުމަތްދޭނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގެ ހުރިހާ ވެރިންގެ ކިބައިން ވެސް ފެނިގެންދާނީ އަޅުގަނޑު ދެންމެ މި ދެންނެވި ހަމަހަމަކަން. މި ދާއިރާގެ ތިން ރަށުގެ ތަރައްގީއަށް ވެސް އަދި މިހާ ފުރިހަމަ ކާމިޔާބީއެއް ނުލިބި ދިޔަ ރަށްރަށުގެ ތަރައްގީއަށް ވެސް...." ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ ކައުންސިލަކުން ނުވަތަ އަންހެނުންގެ ކޮމެޓީއަކުން ތަރައްގީއަށް ފުރުސަތު ނުދޭނަމަ ރައްޔިތުންނަށް އެ ވާހަކަތައް ކިޔައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލުން ސަރުކާރަށް އަޅާ ހުރަސްތައް ހާމަ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރަސްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އާއްމުންގެ ބަޔަކު ބައިވެރިވަނީ --- ފޮޓޯ/ޕީއެންސީ
ރަސްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އާއްމުންގެ ބަޔަކު ބައިވެރިވަނީ --- ފޮޓޯ/ޕީއެންސީ

"އަޅުގަނޑު ތަފްސީލުކޮށް ކިޔައިދޭނަން. އެ ހަފުތާގެ ތެރޭގައި ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި މި ވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސްއަޅައިފިކަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެން ވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ހިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށް ކަން ކައުންސިލުން ހުރަސް އެޅިޔަސް ވެސް." 

ރައީސް ވަނީ އެމްޑީޕީން މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެ މުޒާހަރާގެ އިސް ސަފުގައި، ކައުންސިލް އިންތިހާބުގެ ގޮނޑި ލިބުނު ގިނަ ކައުންސިލަރުން ހިމެނޭތީ، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މާލެ ސިޓީގެ ފަރާތުން ސަރުކާރުން އެއްބާރުލުން ލިބޭނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. 

ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބުނީ ޕީއެންސީއަށެވެ. ނަމަވެސް، އެއްވެސް ސިޓީއަކުން އެ ޕާޓީއަށް ކާމިޔާބެއް ނުވި އެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި ވެސް ޕީއެންސީއަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް، ސަރުކާރުން މަސައްކަތްކުރާނީ ހޮވުނު ކެންޑިޑޭޓުންނާއެކު ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށެވެ. އަދި ކާމިޔާބީ އަދި ނާކާމިޔާބީ ގައި ވެސް ސިޔާސަތަކީ އަދުލުވެރިކަން އިސްކުރުން ކަމަށާއި އަދި އެގޮތަށް ކައުންސިލްތަކުން ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

"ވިސްނުަކަށް ވާންވާނީ މަގާމާ ހަވާލުވާ ހިސާބުން ތެދުވެރިވެ، އަމާނާތްތެރިވާން. ވޯޓުދިން މީހަކާއި ނުދޭ މީހަކާ ތަފާތުކޮށްގެން ނުވާނެ. އެކުވެރިކަމާއެކު ހަމަހަމަކަމާއެކު މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.