ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑު ފައްތައިފި އެވެ.

އިބްރާހިމް "މިހާރު" އަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާގެ ސައިކަލް ކަނޑު ފެއްތީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ކުރި މީހުން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރި މީހުންގެ ނަންތައް ވެސް ވަނީ ފުލުހުންނަށް ކިޔައިދީފަ އެވެ.

"އަޅުގަނޑުމެންގެ ޓީމެއް ރަށް ވަށައިގެން ބެލީ ފުރަތަމަ. ރަށުގެ އެއްވެސް ތަނަކުން ފެންނަން ނެތުމުން ދެން ބެލީ ރަށުން ބޭރު،" އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކަމެއް މިއީ. މިފަހަރު އިންތިހާބުގައި އަޅުގަނޑު ވެސް ވާދަކުރިން އެމްޑީޕީން. އަޅުގަނޑަކީ އެމްޑީޕީ މީހެއް. އެހެންވެ ނުހޮވުނީމަ އެކަމުގެ ހަސަދައިގައޭ މިކަން ކުރީއޭ އަޅުގަނޑު ބުނާނީ." އޭނާ ވިދާޅުވި އެވެ.

އިބްރާހިމްގެ ފިނޯ ސައިކަލު ފެނުނީ ރަށުގެ އުރަފަށުން ބޭރުންނެވެ. ސައިކަލު ފައްތާފައި އޮތީ 10 މީޓަރު އަޑީގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ސައިކަލް ކަނޑުން ނަގައިފަ އެވެ.